ސިއްހަތު

ނޭޝަނަލް ފުޑް ސޭފްޓީ ޕޮލިސީއަށް ހިޔާލު ހޯދަނީ


ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލައްވާ ނޭޝަނަލް ފުޑް ސޭފްޓީ ޕޮލިސީއަށް ހިޔާލު ހޯދުމަށް ކަމާއި ގުޅުން ހުރި ދާއިރާތަކުގެ މަޝްވަރާތަކެއް ކުރިޔަށް ގެންދަވައިފިއެވެ. 

ނޭޝަނަލް ފުޑް ސޭފްޓީ ޕޮލިސީއަށް ޙިޔާލު ހޯއްދެއްވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިޔަށް ގެންދެވި މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުގެ އެކި އިދާރާތަކުން ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖޭގައި ކާބޯތެކީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އެކަމާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލެއްވުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14773205292312.jpg|ނެޝަނަލް ފުޑް ސޭފްޓީ ޕޮލިސީއަށް ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިބައްދަލުވުން ނިންމުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ސާފުތާހިރުކަން ހުންނަ މިންވަރު ދެނެގަތުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރައްވަންޖެހޭ ކަމަށެވެ. ޚާއްސަކޮށް ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ފެންވަރާ މެދު ސަމާލުވާންޖެހޭ ކަމަށާއި އެފަދަ ތަކެތި ޓެސްޓުކުރެވޭނެ އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރެވެންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ ޤާނޫނުގެ ޑްރާފްޓް މިހާރު ވަނީ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައެވެ.