މ. މުލީގައި ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑު 2026 ގެ ޖޫނިއާ ކެޓަގަރީގެ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށް ކަޔާން އަބްދުﷲ އަރީފް ޖޫނިއާ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ޖޫނިއާ ޑިވިޝަނުގެ ފައިނަލް ހީޓުގައި އިނާންގެ މައްޗަށް ކަޔާން ކުރިހޯދީ 1.84 ގެ ސްކޯއަކުންނެވެ.
ފައިނަލް ހީޓުގައި ކަޔާންއަށް މުޅިއެކު 12.34 ސްކޯއެއް ލިބުނެވެ. އިނާންއަށް ލިބުނީ 10.50 ގެ ސްކޯއެކެވެ.
ފައިނަލް ހީޓުގައި ކަޔާން ޖުމްލަ ހަތް ރާޅެއްގައި އެޅިއިރު، އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅުގައި އާއި ހަތްވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން ކަޔާން އަށް 7.17 ގެ ސްކޯއެއް ލިބުނުއިރު، ހަތްވަނަ ރާޅުން ވަނީ 5.10 ސްކޯކޮށްފައެވެ.
ފައިނަލް ހީޓުގައި އިނާން މުޅިއެކު 12 ރާޅުގައިއެޅިއިރު، އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅުގައި އާއި 12 ވަނަ ރާޅުގައެވެ. އިނާން ދެވަނަ ރާޅުން 5.33 ސްކޯކުރިއިރު، 12 ވަނަ ރާޅުން ވަނީ 5.17 ސްކޯކޮށްފައެވެ.
މި މުބާރާތުގެ ފައިނަލަށް ކަޔާން ދަތުރުކުރީ ސެމީގައި ހުސެއިން އަޒާން އިސްމާއިލް ބަލިކޮށްގެންނެވެ. އަދި އިނާން ފައިނަލުން ޖާގަ ހޯދީ އަހުމަދު ރަފްއާން ރައުފް ބަލިކޮށްގެންނެވެ.