ޚަބަރު

ރަށްރަށުގެ ބައެއް މަޢުލޫމާތު އީ-ކަައުންސިލް ސޮފްޓްވެއާއަށް


ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި އެން.ސީ.އައި.ޓީ ގުޅިގެން އީކައުންސިލް ސޮފްޓްވެއަރގެ ނަމުގައި ތަރައްޤީ ކުރައްވާފައިވާ ސޮފްޓްވެއަރއަކީ ކައުންސިލްތަކާއި އެލްޖީއޭ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް އެއް ނެޓްވޯކަކުން ގުޅައިދޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު މި ސޮފްޓްވެއަރއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއެކު އެލްޖީއޭއިން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި ހުރި ރަށްރަށުގެ އާބާދީގެ ކަންކަމާ ގުޅޭ މައުލޫމާތު މި ސޮފްޓްވެއަރގެ ތެރޭގައި ހިމެނިގެންދާނެއެވެ.

މިއެއްބަސްވުމުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ފާތުމަތު ފަރީދާއެވެ.

img:http://s3.psmnews.mv/images/660x400/14773197480866.jpg|ޑީއެންއާރުގެ މަޢުލޫމާތު އީ-ކައުންސިލު ސޮފްޓްވެއަރއާ ހިއްސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެލްޖީއޭގެ ރައިސް އަދި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ އީ-ކައުންސިލް ސޮފްޓްވެއަރ ފައްކާކުރެވި ބޭނުންކުރަން ފެށުމުން ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތައް ވަރަށް ބޮޑުތަން އަވަސްކުރެވި، ކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން އިދާރާތަކާމެދު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އާބާދީއާބެހޭ ޞައްޙަ މައުލޫމާތު ހޯދުމަށް މިސޮފްޓްވެއަރގެ ސަބަބުން އިތުރަށް ފަސޭހަވެގެންދާނެކަމަށާއި، އަލަށް އުފަންވާ ކުދިންގެ މައުލޫމާތުވެސް ކައުންސިލްތައް މެދުވެރިކޮށް މިސޮފްޓްވެއަރގައި ހިމެނިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑީއެންއާރގެ ޑިރެކްޓަރ ފާތުމަތު ފަރީދާ ވިދާޅުވީ އީކައުންސިލް ސޮފްޓްވެއަރ ބޭނުންކުރަން ފެށުމާއެކު އެޑިޕާޓްމެންޓްން ދޭ ޚިދުމަތްތަކުގައި ބައެއްފަހަރު ދިމާވާ ލަސްތައް މަދުކުރެވި، އަވަސް ޚިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އީކައުންސިލް ސޮފްޓްވެއަރގެ ސަބަބުން އަތޮޅުތަކާ ސަރުކާރާދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ސޮފްޓްވެއަރ އަށް ބޭނުންވާ މައުލޫމާތު އެއްކުރެވުމާއެކު މި ސޮފްޓްވެއަރ ރާއްޖޭގެ ހުރިހާ ކައުންސިލް އިދާރާތަކެއްގައި ބޭނުންކުރަން ފެށޭނެއެވެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެލްޖީއޭއިން ދަނީ ކުރައްވަމުންނެވެ.