ބާސެލޯނާއިން ބޭނުން ނުވުމުން ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އެންމެ ފަހުން ނެދަލޭންޑްސްގެ އަޔެކްސް އަށް ބަދަލުވާން ނިންމައިފި އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޖަރުމަނުގެ ކީޕަރު މިހާރު ވަނީ އަޔެކްސްއާ ގުޅުމަށް ނެދަލޭންޑްސް އަށް ގޮސްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ކުލަބުގެ މެޑިކަލް ފުރިހަމަކޮށް ކޮންޓްރެކްޓްގައި ވެސް ސޮއި ކުރާނެ އެވެ. އަޔެކްސްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުން އޮންނާނީ މި ހަފުތާގެ ތެރޭގަ އެވެ.
އުމުރުން 34 އަހަރުގެ ޓާސްޓެގަން އަކީ ބާސެލޯނާގެ ކެޕްޓަނެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ކުޅެމުން އައި ކީޕަރަށް ޓީމުން ޖާގަ ނުދޭން ނިންމީ ގާތްގާތުގައި އަނިޔާވުން ގިނަވެ ނުކުޅެ ހުންނަން ޖެހޭ މުއްދަތު އިތުރުވުމާއި އޭނާގެ ބަދަލުގައި ހޯދި ކީޕަރުން މޮޅަށް ކުޅޭތީ އެވެ. މިހެންވެ ހުސްވި ސީޒަނުގެ ފަހުކޮޅު ސްޕޭނުގެ ޖިރޯނާ އަށް ވެސް އޭނާ ބަދަލުވި އެވެ. ނަމަވެސް އެ ކުލަބަށް ކުޅުނު ދެ ވަނަ މެޗުގައި އަނިޔާވެ އިތުރު މެޗެއް ނުކުޅެވުނެވެ. އެންމެ ފަހުން ވޯލްޑް ކަޕަށް ދިޔަ ޖަރުމަނުގެ ގައުމީ ޓީމުން ވެސް ޖާގެ ގެއްލުނެވެ. މިއާއެކު އޭނާ އަނިޔާގައި ހޭދަ ކުރި މުއަދަތު ދެ ސީޒަނަށް ވަނީ ދިގުދެމިގެން ގޮސްފަ އެވެ.
ޓާސްޓެގަން އާއި ބާސެލޯނާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގައި އަދިވެސް ދެ އަހަރު ބާކީ އެބައޮތެވެ. ނަމަވެސް އޭނާ އަށް މިހާރު އެ ކުލަބުން ފުރުސަތު ނެތުމުން އަޔެކްސްގައި އެއްކޮށް މަޑުކުރުން ގާތް ކަމަށް ސްޕޭނުގެ މީޑިޔާތަކުން ދެކެ އެވެ.