ޚަބަރު

ކ. ގުރައިދޫ މަރުކަޒަށް މޯލްޑިވް ގޭހުން އެހީތެރިކަން ފޯރުކޮށްދެނީ


ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކައްކާ ގޭހާއި އޮކްސިޖަން ފޯރުކޮށްދިނުމަށް މޯލްޑިވް ގޭސްއިން ނިންމައިފިއެވެ. މޯލްޑިވްސް ގޭސްގެ އިޖުތިމާޢީ ޒިންމާގެ ދަށުން އަހަރަކު 8 ލައްކަ ރުފިޔާގެ އަގުހުރި ކައްކާ ގޭހާއި އޮކްސިޖަން، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯރުކޮށްދިނުމަށް މިއަދު ވަނީ އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފައެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރާއްޖޭގެ އިޖުތިމާޢީ އަދި ތަރައްޤީގެ ކަންކަމަށް ހޭދަކުރުމުގައި އަންނަނީ ނަމޫނާ ދައްކަމުންނެވެ. މިގޮތުން ތަރައްޤީގެ މަޝްރޫއުތަކާއި އިޖްތިމާއި އެކި ކަންކަމަކަށް ކުންފުނިތަކުން ބޮޑެތި ހޭދަތަކެއް ކުރައްވައެވެ. ކުންފުނިތަކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން މޯލްޑިވްސް ގޭހުން މިއަދު ވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ ކައްކާގޭހާއި، އޮކްސިޖަން ފޯރުކޮށްދިނުމަށް އިސްނަގާ، އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީއާއި އެކު ސޮއިކުރައްވާފައެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫންއެވެ.

img:http://s4.psmnews.mv/images/660x400/14773117979835.jpg|ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ސަރުކާރުގެ ސިއްޙީ 21 ވަޢުދުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޯޤަތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެއްވުން ހިމެނިފައިވާ ކަމަށެވެ. ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމުގައި ދައުލަތުން ވަރަށް ބޮޑު އިސްކަމެއް ދެއްވާއިރު، މިކަމުގައި ސަރުކާރަށް އެހީތެރިވުމުގައި އެންމެ ފުރިހަމަ ނަމޫނާ ދައްކަވަމުންދާ އެއް ބަޔަކީ ސަރުކާރު ޙިއްސާވާ ކުންފުނިތައް ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އިޖްތިމާޢީ ކަންކަމުގައި ކުންފުނިތަކުގެ ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރައްވާ މޯލްޑިވް ގޭސްއިން ނެގި އިސްނެގުމަކީ ނަމޫނާއެއް ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޢަބުދުﷲ މައުމޫން ވިދާޅުވީ މޯލްޑިވް ގޭސްގެ މަސައްކަތަކީ ކައްކާ ގޭސް ވިއްކުމާއި އެކިކަހަލ ގޭސްތައް ސަޕްލައި ކޮށްދިނުންކަމަށް ވިޔަސް އިޖްތިމާއީ ކަންކަމުގައި އެހީ ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކޭކަމަށެވެ. ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2013 ވަނަ އަހަރުންފެށިގެން މޯލްޑިވް ގޭހުން އަންނަނީ ގޭސް ފޯރުކޮށްދެމުންނެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އަހަރަކު 8 ލައްކަ ރުފިޔާގެ ގޭސް ފޯރުކޮށްދެވޭނެއެވެ.