މ. މުލީގައި މިހާރު ކުރިއަށްދާ މުލީކޮޅު ރާޅުގަނޑު 2026ގެ ފިރިހެން އޯޕަން ކެޓަގަރީގެ ސެމީ ފައިނަލުން ޔަސިން އަހްމަދު ނާޝިދު. ސައްޔިދު ސަލާހުއްދީން، ހުސެއިން އަޒާން އިސްމާއިލް އަދި އަހުމަދު އާގިލް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޔަސިން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 1.17 ޕޮއިންޓުން ކުރިހޯދައިގެންނެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ޔަސިން އަށް މުޅިއެކު، 12.67 ސްކޯކުރެވުނުއިރު، އިނާން އަށް ސްކޯކުރެވުނީ 11.50 ޕޮއިންޓެވެ.
ޔަސިން އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅު އަދި ތިންވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 6.67 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 5.50 ސްކޯކުރިއެވެ.
ކުއާޓާގައި އެންމެ ވާދަވެރިކޮށް ފެނުނީ ދެވަނަ ހީޓެވެ. ނޫހް މުހައްމަދު ދުނައިމް އިރުޝާދުއާ ވާދަކޮށް ސައްޔިދު މި ހީޓު ކާމިޔާބުކުރީ 0.5 އިންނެވެ. މި ހީޓުގައި ސައްޔިދަށް މުޅިއެކު 9.60 ސްކޯކުރެވުނުއިރު، ނޫހަށް ސްކޯކުރެވުނީ 9.10 އެވެ.
ސައްޔިދު އެންމެ މަތިން ސްކޯކުރީ ފަސްވަނަ އަދި ހަވަނަ ރާޅުގައެވެ. ފަސްވަނަ ރާޅުގައި 5.17 ސްކޯކުރިއިރު، ހަވަނަ ރާޅުގައި 4.43 ސްކޯކުރިއެވެ.
ކުއާޓާ ފައިނަލުގެ ތިންވަނަ ހީޓުގައި އަޒާން ނުކުތީ ކަޔާން އަބްދުﷲ އަރީފްއާ ދެކޮޅަށެވެ. މި ހީޓު އަޒާން ކާމިޔާބުކުރީ 0.9 ޕޮއިންޓުންނެވެ. މި ހީޓުގައި އަޒާން މުޅިއެކު 8.73 ސްކޯކުރިއިރު، ކަޔާން އަށް ސްކޯކުރެވުނީ 7.83 ޕޮއިންޓެވެ.
މި ހީޓުގައި އަޒާން އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އަޒާން 5.33 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 3.40 ސްކޯކުރިއެވެ.
ކުއާޓާގެ ފަހު ހީޓުގައި އާގިލް ވާދަކުރީ އިސްމާއިލް ރަޝީދުއާއެވެ. މި ހީޓު އާގިލް ކާމިޔާބުކުރީ 0.34 ޕޮއިންޓުންނެވެ. މި ހީޓުގައި އާގިލް އަށް މުޅިއެކު 10.50 ސްކޯކުރެވުނުއިރު، އިސްމާއިލް އަށް ސްކޯކުރެވުނީ 10.16 އެވެ.
އާގިލް އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅުގައި އާއި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އާގިލް 5.00 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 5.50 ސްކޯކުރިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ޔަސިން ނުކުންނާނީ ސައްޔިދާ ދެކޮޅަށެވެ. އަދި ދެވަނަ ހީޓުގައި އާގިލް ނުކުންނާނީ އަޒާންއާ ދެކޮޅަށެވެ.