ކުޅިވަރު

ޔޫރަޕުން، ވޯލްޑް ކަޕް ބޮއިކޮޓް ކޮށްފި


ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ވޯލްޑް ކަޕާއި އެ ނޫން ވެސް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ރާވާ މުބާރާތްތައް ބޮއިކޮޓް ކުރަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އެ ޖަމާއަތުން ބޭއްވި އިމަޖެންސީ ބައްދަލުވުމުގަ އެވެ. ޔޫރަޕުން ވޯލްޑް ކަޕާއި ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ނިންމި މައިގަނޑު ސަބަބަކީ މުބާރާތްތައް ބާއްވަން ފީފާއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އޭގެ 20 ޕަސެންޓް ވިޔަފާރި ވެރިންނަށް ވިއްކާލަން ނިންމާފައިވާތީ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނީ ވިދާޅުވީ މިއީ ފީފާގެ މެމްބަރު 211 ގައުމަށް އިތުރު ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މިކަމާ ޔޫރަޕާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ފަރާތްތަކުން ބުނަނީ މިއީ ފުޓްބޯޅައިގެ ބައެއް ވިއްކާލުން ކަމަށާއި މީގެ ސަބަބުން ފުޓްބޯޅަ އަށް ތަފާތު ނުފޫޒު ވަދެ ފީފާގެ ބާރު ކެނޑޭނެ ކަމަށެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންފަންޓީނީގެ ޕްލޭންގެ އަޑީގައި ހުންނެވީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕެވެ. މި ގޮތުން ފީފާއިން އުދައްފަން ނިންމާފައިވާ ވިޔަފާރި ކުންފުންޏަށް އިންވެސްޓް ކުރަން ނިންމާފައިވަނީ ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ އެމެރިކާގެ ވިޔަފާރިވެރިންނެވެ. އަދި މިއީ ފީފާގެ ރައީސް ކަމަށް ފަހު އިންފަންޓީނޯ އަށް ބޮޑު ވަޒީފާއަކާއި އާމްދަނީ ލިބެނެ ވަސީލަތެއް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ފީފާގެ މެމްބަރު ގައުމުތަކަށް އިންފަންޓީނޯ ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ ޕްލޭނަށް އެއްބަސްވާނަމަ އެކަން އަންނަ ސެޕްޓެމްބަރު މަހުގެ 19ގެ ކުރިން އެންގުމަށެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އިތުރު ފައިސާ ލިބޭނެ ކަމަށެވެ.

މިކަމާ ދެކޮޅަށް މިހާތަނަށް ތެދުވީ ޔޫއޭފާއިންނެވެ. އަދި ކޮންކާކަފާއި އޭއެފްސީން ވެސް ވަނީ ނުރަސްމީކޮށް ދެކޮޅު ހަދައިފަ އެވެ. މި ޖަމާއަތުން ބުނީ މިކަމުގެ ތަފްސީލު މައުލޫމާތު އެންމެނަށް ހަމަހަމައަށް ފޯރިކޮށްދީ އެކަން ދިރާސާ ކުރުމަށް ވަގުތުދޭންވާނެ ކަމަށެވެ. އަދި މިހާތަނަށް މި ޕްލޭންގެ މައުލޫމާތު އެނގިފައިވަނީ މީޑިއާ މެދުވެރިކޮށް ކަމަށެވެ.

ޔޫއޭފާއިން ބުނީ ވޯލްޑް ކަޕަކީ ވިއްކާލެވިގެންވާނެ އެއްޗެއްނޫން ކަމަށާއި އޭގެ ބައެއް ވިއްކާލައިފި ނަމަވެސް ފީފާގެ ބާރު ކެނޑޭނެ ކަމަށެވެ. މީޑިޔާތަކުން ތުހުމަތު ކުރާ ގޮތުގައި ޔޫރަޕުން މިހާރު ދަނީ އިންފަންޓީނޯގެ ބަދަލުގައި ފީފާގެ ރައީސް ކަމަށް ވާދަ ކުރާނެ މީހަކު ހޯދަން މަސައްކަތް ފަށައިފަ އެވެ. މި ގޮތުން ގަތަރުގެ ވިޔަފާރިވެރިޔާ ނަސީރު އަލް ޚަލީފާ އަށް ތާއީދު ކުރަން ޔޫއޭފާ އެއްބަސްވެ އެވެ. އޭނާ އަކީ ފްރާންސްގެ ޕީއެސްޖީ ހިންގާ ފަރާތެވެ.