ޚަބަރު

ޕީ.ޕީ.އެމްގެ ޓިކެޓަށް ވާދަކުރުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީ.ޕީ.އެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ދަރުބާރުގޭގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން ދޫކުރަމުންދިޔަ ފޯމާއި ބަލައިގެންފައިވާ ފޯމްތައް މިހާރު ކޯޓު އަމުރާއެކު ބާޠިލްވެފައިވާ ކަމަށެވެ.

މިހާރު އައު ފޯމެއް ހުށައަޅަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށާއި، ކުރިން ފޯމް ހުށައެޅި ފަރާތްތަކުންވެސް އަލުން ފޯމް ހުށައަޅަން ޖެހޭނެ ކަމަށާއި، އެފަރާތްތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14773023719020.jpg|ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އައު ފޯމެއް ހަމަޖައްސަން ޖެހުނީ ކުރިން ފޯމާއެކު ފައިސާ ބަލައިގަންނަމުން ދިއުމުން ކަމަށާއި، އައު ފޯމާ އެކު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. މީގެ އިތުރުން، އަތޮޅުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް އިންޓަރނެޓް މެދުވެރިކޮށް ފޯމް ޑައުންލޯޑްކޮށް ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ. ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައި ހުރި ޕީ.ޕީ.އެމްގެ އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ، ކޯޓް ޙުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ބަލައިގަންނަވާނީ ޕީޕީއެމުން އަލަށް އެކުލަވާލި ފޯމް އެކަނި ކަމަށެވެ.