ޚަބަރު

އެމެރިކާއިން އަނެއްކާ ވެސް އީރާނަށް ބޮންއަޅަން ފަށައިފި


އެމެރިކާއިން އީރާނަށް އައު ހަމަލާތަކެއް ދިނުމާއެކު، މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ހޫނުވެއްޖެއެވެ. މި ޙަމަލާތަކުގެ ސަބަބުން ހަނގުރާމަ އިތުރަަށް ފުޅާވެ، މެދުއިރުމަތީގެ އިތުރު ޤައުމުތަކުން ހަނގުރާމައިގެ ތެރެއަށް ވަންނަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އައު ހަމަލާތަކަކީ، އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އެމެރިކާގެ އަސްކަރީ އަމާޒުތަކާއި ތެޔޮ ޓޭންކަރުތަކަށް ދެމުންދާ ހަމަލާތަކުގެ ރައްދެއް ކަމުގައެވެ.

އައިއާރްޖީސީގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އުރުދުންގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ފަސް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ރައްދުގައި ސެންޓްކޮމުން ވަނީ، އައިއާރްޖީސީގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ސެންޓްކޮމުން ބުނީ، އައު ހަމަލާތަކުގެ މަޤުޞަދަކީ، އައިއާރްޖީސީގެ އަސްކަރީ ޤާބިލުކަން ކުޑަކުރުން ކަމުގައެވެ.

ދެ ޤައުމުން އަނެއްކާ ވެސް ހަމަލާ ބަދަލުކުރަން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެންފެށި ނަމަވެސް، ފަހުން އަގުތައް ވަނީ ދަށްވެފައެވެ. މި ގޮތުން، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑު، ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ފީފާއެއްގެ އަގު މިހާރު ހުރީ 89.45 އެމެރިކާ ޑޮލަރުގައެވެ. މި ދަނޑިވަޅުގައި، ގަލްފުގެ ޤައުމުތަކުން ތެޔޮ ބަރުކޮށްގެން ޓޭންކަރުތައް މިހާރު ވެސް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އައު ހަމަލާތަކާއެކު، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވަނީ އަނެއްކާ ވެސް ލޮޅުން އަރާފައެވެ.

އައިއާރްޖީސީން ބުނީ، އެމެރިކާއިން އިންޒާރުދީ، ހަމަލާތައް ފުޅާކުރަމުންދާ ނަމަަ، އެ ކަމަށް ރައްދު ދިނުމުގައި ދެމިއޮންނާނެ ކަމުގައެވެ. ތެހްރާންގެ ހުއްދައާނުލައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ތިން ޓޭންކަރަކަށް ހަމަލާދީފައިވާނެ ކަން ވެސް އެ ލަޝްކަރުން ކަށަވަރު ކޮށްދިނެވެ. މީގެ އިތުރުން، މިޞްރުގެ ބަނދަރެއްގައި ހުރި އެމެރިކާގެ ތެޔޮ ރައްކާކުރާ ތާނގީތަކަކަށް ޑްރޯން ހަމަލާތަކެއް ދިނުމާއެކު، މަސްރަޙު އިތުރަށް ހޫނުވެ، ނުތަނަވަސްކަން ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ދަނޑިވަޅުގައި އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާގެ އަސްކަރިއްޔާ ގުޅިގެން ވަނީ ޢިރާޤަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ޤައުމުގެ އިރުމަތީ ސަރަޙައްދަކަށް ދިން ހަމަލާތަކުގައި، ޢިރާޤުގެ އަސްކަރިއްޔާއާ ގުޅިފައިވާ ލަޝްކަރެއްގެ 20 ސިފައިން މަރުވެ، އިތުރު 32 މީހުން ޒަޚަމުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއިން ތުހުމަތުކުރާ ގޮތުގައި، ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނާ ގުޅުން އޮތް ހަތިޔާރުއެޅި ޖަމާޢަތަކަށެވެ. ނަމަވެސް، އެ ފަދަ ޖަމާޢަތްތަކުން ދޭ ހަމަލާތަކުގެ ޒިންމާ އީރާންގެ ކޮނޑުގައި ނޭޅުވުމަށް ތެހްރާނުން ވަނީ ގޮވައިލާފައެވެ. ޢިރާޤުގެ ސަރުކާރުން ވަނީ އެ ޤައުމަށް ދީފައިވާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، ސަރަޙައްދީ ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ކޮންޓުރޯލު ކުރުމަށް ބާރުއަޅާފައެވެ.