ޚަބަރު

އައި.ޖީ.އެމް.އެޗް ގެ ޚިތާން ޕެކޭޖަށް ބޮޑު ތަރުޙީބެއް !


ސްކޫލް ޗުއްޓީއާއި ދިމާކޮށް އައި.ޖީ.އެމް.އެޗުން ތައާރަފްކޮށްފައިވާ ޚިތާން ޕެކޭޖުގެ ދަށުން ޚިތާނު ކުރުމަށް މިހާތަނަށް 750 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ. 

ސްކޫލް އަހަރީ ޗުއްޓީއާއި ދިމާކޮށް މިއަހަރުވެސް އައި.ޖީ.އެމް އެޗުން ވަނީ ޚިތާނު ކުރުމުގެ ޚާއްޞަ ޕެކޭޖެއް ތައާރަފްކުރައްވާފައެވެ. މިޕެކޭޖްގެ ދަށުން ޚިތާނު ކުރުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުއްވާލައްވާފައިވާއިރު، މިހާތަނަށް 750 ކުއްޖަކު ޚިތާނު ކުރުމަށްވަނީ ނަންނޯޓްކޮށްފައެވެ. އައި.ޖީ.އެމް.އެޗުން ވިދާޅުވީ، ނޮވެމްބަރުމަހުގެ ފަހު ހަފްތާގެ ތެރޭގައި ޚިތާން ޕެކޭޖްގެ ދަށުން ޚިތާން ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. 

"ޚިތާނު ކުރުމަށް އަޅުގަނޑުމެން ފަށާނީ ނޮވްމެބަރުމަހުގެ ނަވާރަ ހިސާބުގައި. ސްކޫލް ބަންދުވުމާއެކު ޚިތާނު ކުރުމުގެ މަސައްކަތް ފަށާގޮތައް ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާއާއި ހިސާބަށް ޚިތާނު ޕެކޭޖްގެ ދަށުން ޚިތާނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނަން.އަންދާޒާ ކުރަނީ 500-600 އަދަދަކަށް ޕެކޭޖުގެ ދަށުން ޚިތާނުކޮށް ނިންމާލެވޭނޭކަމަށް." އައި.ޖީ.އެމް.އެޗުގެ ޑިރެކްޓަރ ޕީއާރް އެންޑް މީޑިއާ އަޙްމަދު މައުސޫމް ވިދާޅުވިއެވެ.

އައި.ޖީ.އެމް އެޗުން ވިދާޅުވީ، ޚިތާނު ޕެކޭޖަށް ނަންނޯޓް ކުރުން ކުރިއަށްގެންދަވާއިރު، ޚިތާނު ކުރުމަށް ބޭނުންވާ އެންމެހައި އެހެނިހެން ތައްޔާރީތައްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޚިތާނު ކުރުމަށް ބޭނުންވާ ހުރިހައި ޓެސްޓްތައް ހެދުމާއި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްވެސް މިޕެކޭޖުގެ ދަށުން ހަމަޖެހިގެންދާނޭކަމަށް ވިދާޅުވިއެވެ. 

"ޚިތާނު ކުރުމަށް ބޭނުންވާ ޚާއްޞަ ވޯޑްތައް ތައްޔާރުކޮށް،ވޯޑް ޒީނަތްތެރިކޮށް، އެތަނަކީ ޚިތާނުކޮށްފައި ތިބޭ ކުދިންނަށް ހިތްފަސޭހަ އުފާވެރި މާޙައުލަކަށް ހަދާދޭނަން. މިފަހަރުވެސް ޚިތާނު ޕެކޭޖުގެ ދަށުން،ޚިތާންކުރުމަށް ބޭނުންވާ ޓެސްޓުތައް ހެދުމާއި،ޚިތާނު ކުރުމުގެ ކުރިންނާއި ފަހުން ހަދަންޖެހޭ ޓެސްޓުތައް ޕެކޭޖުގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސައިދޭނަން ޕެކޭޖުގެ ތެރެއިން.ފުދޭ ވަރަކަށް ރަނގަޅަށް އަޅުގަނޑުމެން މިކަން ކުރިޔަށް ގެންދާނަން." އައި.ޖީ.އެމް.އެޗުގެ ޑިރެކްޓަރ ޕީއާރް އެންޑް މީޑިއާ އަޙްމަދު މައުސޫމް ވިދާޅުވިއެވެ.

ޚިތާނު ޕެކޭޖުގެ ދަށުން ޚިތާނު ކުރުމަށް ބޭނުންވާ ކުދިންގެ ނަންނޯޓް ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށާ، އޯ.ޕީ.ޑީ ބަންދު ނޫން ދުވަސްތަކުގައި އެހޮސްޕިޓަލުގެ ސާޖަރީ ކައުންޓަރުން، ހެދުނު އަށަކުން ހަވީރު ހަތަރެއް ޖަހަންދެން ނަންނޯޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުއްވާލައްވާފައެވެ. ޚިތާނު ކުރުމަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދެއްވަނީ ނަންނޯޓްކުރާ ތަރުތީބުންކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.