ޚަބަރު

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 10 ގެ ރޭ ބާއްވަނީ


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާ އޮންނާނީ އެރޭ 8.30 ގައި ދަރުބާރުގޭގައެވެ.

ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު ހާސިލުކުރެއްވި ފަރާތްތަކަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ގެންދަވަނީ ކުރައްވަމުންނެވެ.