ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓް ދޫކޮށް، އަމިއްލަ ގޮތުން ވާދަކުރުމަކީ އެ ދާއިރާއަށް ލިބެން އޮތް ތަރައްޤީއަށް އެޅިދާނެ ހުރަހަކަށްވެދާނެކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޕީއެމް ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕީޕީއެމް ޓިކެޓް ދޫކޮށް ބައެއް ފަރާތްތަކުން އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޢަބްދުއްރަޙީމް ވިދާޅުވީ، ހައިކޯޓުގެ ހުކުމާއެކު ޤާނޫނީ ހައިސިއްޔަތު މިހާރު އޮތީ ޕީޕީއެމްގެ މުސްތަޝާރު ޗެއަރ ކުރައްވާ ކައުންސިލްގައިކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕީޕީއެމްގެ ޓިކެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.
ދަރުބާރުގޭގައި އެޕާޓީގެ އިންތިޚާބާ ބެހޭ އޮފީހެއް ހުޅުވާފައިވާކަމަށާއި، ހުކުމާ އެއްގޮތަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނީ އެ އޮފީހަށް ހުށައަޅާ ފަރާތްތަކަށްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުންވެސް ބަލައިގެންފައިވާކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ވިދާޅުވި. ޢަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓް ދޫކޮށް، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަކީ އެމީހެއްގެ ދާއިރާއަށް ލިބެން އޮތް ތަރައްޤީއާއި ކުރިއެރުމަށް އޮތް ހުރަހަކަށް ވެދާނެކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމަކީ އެ ދާއިރާއަކަށް ކުރިއެރުން ގެނައުމާއި، މަޝްރޫޢޫތައް ހިންގުމަށް ސަރުކާރަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށްވާނެކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިހާ ކައިރިވެފައިވަނިކޮށް، ޕީޕީއެމްގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވުމަކީ އެޕާޓިއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ ޢަބްދުއްރަހީމް ވިދާޅުވީ އެފަދަ ގޮންޖެހުންތަކެއް ހުރިނަމަވެސް ކޯޓުގެ ޙުކުމާއެކު އެ ގޮންޖެހުންތައް ނައްތާލައި، އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބއްޔަތުން ކާމިޔާބު ކުރާނެކަމަށެވެ.