ޚަބަރު

ޕްރޯ މުއޭ ތައި ޗެމްޕިއަންޝިޕަށް އީލާފް އަދި ޑެނިއަލް ތައްޔާރުވެއްޖެ


  • މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ އަހްމަދު އީލާފް ނަދީމް އަދި ޑެނިއަލް ޒަކީ

  • މިއީ ލަންކާގައި ބާއްވާ ބައިނަލްއަޤްވާމީ މުއޭ ތާއި އެންމެ ބޮޑު އެއް އިވެންޓް

  • އީލާފްއަކީ މިކުޅިވަރުން ރާއްޖެއަށް މިހާތަނަށް ރަން މެޑަލް ގެނެސްދިން ހަމައެކަނި އެތުލީޓް

ސްރީލަންކާގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މުއާއި ތައި މުބާރާތްކަމަށްވާ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕަށް ރާއްޖޭގެ ދެ އެތުލީޓުންކަމަށްވާ އަހްމަދު އީލާފް ނަދީމް އަދި ޑެނިއަލް ޒަކީ ތައްޔާރުވެއްޖެއެވެ.

ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ކުރިއަށްދާ މި މުބާރާތާ ގުޅޭގޮތުން ރާއްޖެ ތަމްސީލުކުރާ ޓީމުގެ ކޯޗު މުހައްމަދު ޝަނާޒް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ، މިއީ ލަންކާގައި ކުރިއަށްދާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް މުއާއި ތައި މުބާރާތްކަމަށެވެ. މިއީ ބްރެޒިލް އަދި އީރާން ފަދަ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ވާދަކުރާ މުބާރާތަކަށްވާއިރު، މިމުބާރާތުގެ ސަބަބުން ރާއްޖޭގެ އެތްލީޓުންގެ ރޭންކް މަތިކުރުމަށާއި ބައިނަލްއަގްވާމީ އިތުރު މެޗުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރިއެވެ.

"މިއީ އާދައިގެ މުބާރާތެއް ނޫން. މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް. މި މުބާރާތަށްފަހު މިކުދިންނަށް ރޭންކް މައްޗަށް ޖެއްސުމުގެ މަގު ފަހިވެގެންދާނެ. އިތުރު ގައުމުތަކުގައި ވާދަކޮށްލުމަށް ފުރުސަތު ފަހިވެގެންދާނެ. މިމުބާރާތުގައި އެބަ ވާދަކުރޭ ފްރާންސް، ބްރެޒިލް، އީރާން އަދި އިންޑިއާ ފަދަ ވަރުގަދަ ގައުމުތައް" ކޯޗް ބުންޏެވެ.

މިމުބާރާތުގައި ރާއްޖޭގެ ދިދަ ވިހުރާލުމަށް ތައްޔާރުވަމުން އަންނަ އެއް އެތުލީޓުކަމަށްވާ އީލާފްއަކީ މިހާތަނަށް މުއާއި ތައި އިން ރާއްޖެއަށް އެންމެ ރަނގަޅު ކާމިޔާބީ ހޯދައިދީފައިވާ އެތުލީޓެވެ. މިއަހަރުގެ ފެބްރުވަރީމަހު ލަންކާގައި ކުރިއަށްދިޔަ ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕުގައި އޭނާވަނީ ލަންކާގެ އެއްވަނަ އެތުލީޓު ބަލިކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް މިކުޅިވަރުން ރަން މެޑައްޔެއް ކަށަވަރުކޮށްދިން އެތްލީޓުގެ ޝަރަފު ހޯދާފައެވެ. އެމުބާރާތުގެ ކާމިޔާބީއަކީ ކުރިއަށް އޮތް މުބާރާތަށް ލިބުނު އިތުރު ހިތްވަރެއްކަމަށް އީލާފް ސިފަކޮށްފަވާއިރު، މިމުބާރާތުންވެސް ރަން މެޑައްޔެއް ހޯދުމަކީ އޭނާގެ އަމާޒުކަމަށް އީލާފް ބުންޏެވެ.

"މިދިޔަ ފަހަރުވެސް އަޅުގަނޑަށް އަލްޙަމްދުﷲ، ގޯލްޑެއް ލިބުނީ. ލިބިފަ މޮޅުވީމަ އިތުރަށް މޯޓިވޭޓްވި އެ ވިން ޗޭސް ކުރަން. ކުރީ ފަހަރުގެ ވިކްޓްރީއާ އެއްކޮށް، މިމުބާރާތަށްވެސް މިދަނީ ހަމަ ގޯލްޑެއް ނެގޭތޯ. ޕްރެކްޓިސްތައް ދިޔައީ ވަރަށް އިންޓެންސިވްކޮށް، ކުރީ މުބާރާތް ނިމުނީ ފެބްރުއަރީގަ. ކޯޗު އަބަދުވެސް ބުނާ އެއްޗެއް އެއީ. މުބާރާތް ނިމުނަސް، ފައިޓެއް އެނައުންސްނުވިޔަސް، އަބަދުވެސް ޓްރޭންކުރާށޭ މާދަން ފައިޓްކުރާނެކަމަށް. އެހެންވީމަ ފެބްރުއަރީއިން ފެށިގެން މި މުބާރާތަށް އެބަ ފަރިތަކުރަން" އީލާފް ބުންޏެވެ.

ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި ވާދަކުރާ އެންމެ ހަގު އެތުލީޓުކަމަށްވާ ޑެނިއަލް ވެސް ބުނެފައިވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ބުރަކޮށް ޕްރެކްޓިސްކުރަމުން އަންނަކަމަށެވެ. އަދި އުންމީދަކީ މޮޅުވުންކަމަށާއި ރާއްޖޭގައި މި ކުޅިވަރު ތަންކޮޅެއް އައުވުމަކީ މިވަގުތު ދިމާވާ ދައްޗެއްކަން ފާހަގަކުރަމުން ޑެނިއަލް ބުނެފައިވަނީ، މުސްތަގުބަލުގައި މުއާ ތާއި ވެސް ރާއްޖޭގައި ކުރިއަރާނެކަމަށް އުންމީދުކުރާކަމަށެވެ.

"ވަރަށް ހާޑްކޮށް ޕްރެކްޓިސްތައް ކުރަމުން މިދަނީ. ވަރަށް ރަނގަޅަށް ދަނީ. ޓާގެޓަކީ މޮޅުވުން. ރަނގަޅު ވިކްޓްރީއެއް ލިބުން. ސްޕޯޓްސް ތަންކޮޅެއް އައުވީމަ މިކޮޅުން ފައިޓްތައް ނުލިބުން. އެކަމު މުސްތަގުބަލުގައި ރަނގަޅަށްދާނެކަމަށް އުންމީދުކުރަން" ޑެނިއަލް ބުންޏެވެ.

މިމުބާރާތަކީ ލަންކާގައި ބާއްވާ މުއާ ތާއި އެންމެ ބޮޑު އެއް މުބާރާތްކަމަށްވާއިރު، ރާއްޖޭގެ އެތްލީޓުންނާމެދު ކުރެވޭ އުންމީދު ބޮޑުކަމަށް ކޯޗް ފާހަގަކުރިއެވެ. އީލާފް އަދި ޑެނިއަލްއަކީ ހުނަރުވެރި ކުދިންކަމަށާ އެކުދިންވަނީ އެކަން ސާބިތުކޮށްދީފަކަމަށް ކޯޗް ބުނެފަވެއެވެ. މީގެ ކުރިން މުއާ ތާއި ޓްރޭނިންތަކެއް އީލާފް މެލޭޝިއާގައިވެސް ވަނީ ފުރިހަމަކޮށްފައެވެ. އަދި ޝާން ކޯޗާއެކު އީލާފް ޓްރޭންވާތާ ތިން އަހަރެއްހާ ދުވަސްވެފައިވާއިރު ޑެނިއަލް ޓްރޭންކުރާތާ ދޮޅު އަހަރެއްހާ ދުވަސްވެއްޖެކަމަށް ކޯޗްވަނީ މައުލޫމާތުދީފައެވެ.

"މިމުބާރާތަކީ ލަންކާގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތް. މިއީ މުއާއި ތައި ފައިޓަރުންނަށް ޚާއްސަ މުބާރާތެއް. ފާއިތުވެދިޔަ ދެ އަހަރު އަހަރުމެން މިއަންނަނީ ރާއްޖޭގައި މިކުދިން ޓްރޭންކުރަމުން. އަދި މިހާތަނަށް މިކުދިންނަކީ ރާއްޖެއަށް އެންމެ ރަނގަޅު ކާމިޔާބު މިކުޅިވަރުން ހޯދައިދީފައިވާ ކުދިން. ރާއްޖޭގެ އެތްލީޓުންގެ ހުނަރުތައް ވަރަށް މަތި. ފާއިތުވި މުބާރާތުން މިކުދިންވަނީ އެކަން ސާބިތުކޮސްދީފަ. އީލާފްއަކީ ރާއްޖޭގެ މުއާއި ތައި 72 ކެޓަގަރީގެ އެއްވަނަ އެތްލީޓް. އަދި ޑެނިއަލް އަކީ ރާއްޖޭގެ އެންމެ ހަގު އެތްލީޓް. މިކުދިންގެ ހުނަރުވެރިކަމުގެ ސަބަބުން މިހާ ހިސާބަށް އެއާދެވުނީ" ކޯޗް ބުންޏެވެ.

މިމުބާރާތަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް ކޯޗްވަނީ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި ރާއްޖޭގެ އެތްލީޓުން ހޯދަމުންދާ ކާމިޔާބީގެ އަސްލަކީ ޓީމް ވޯކްގެ ވަރުގަދަކަންކަމަށާ އުންމީދަކީ ރާއްޖޭގެ އެތްލީޓުން ޤައުމީ ދިދަޔާއެކު ކުރިއަރައިގެންދާތަން ފެނުންކަމަށް ކޯޗް ހާމަކުރިއެވެ.

"ފައިޓްސޯލް ޖިމްއަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ. ސަބަބަކީ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަރަށް ބޮޑު އެއްބާރުލުމެއް އެފަރާތުން ދޭ. އަދި ޓީމަށްވެސް ޝުކުރުއަދާކޮށްލާނަން، މިއީ ހަމައެކަނި ކޯޗުގެ މަސައްކަތެއް ނޫން. ރަނގަޅު ޓީމެއް އުފެދެނީ ރަނގަޅު އެތްލީޓުންތަކެއް ހިމެނިގެން، ވަރަށް އެކުވެރިކަމާއެކު ޓީމެއްގެ ގޮތުގައި ޓީމުން ދަނީ މަސައްކަތްކުރަމުން. އުންމީދަކީ ރާއްޖޭގެ ދިދަޔާއެކު މިކުދިން ކުރިއަރައިގެން ގޮސް، އެންމެ މަތީ ފެންވަރުގައި ގުނާލެވޭތަން ފެނުން. މިފުރުސަތުގައި މިކަމުގައި އެހީތެރިވާ އެންމެހާ ފަރާތްތަކަށްވެސް ޝުކުރުއަދާކޮށްލަން" ކޯޗް ބުންޏެވެ.

ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕު އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހު ލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލްގައެވެ. މުބާރާތަށް ރާއްޖޭގެ އެތުލީޓުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.