މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ ކޮންމެ މީހަކާވެސް ގުޅިފައިވާ ކަމެކެވެ. މިއީ މުސްތަޤްބަލުގެ ރައްކާތެރިކަމަށްޓަކައި މާލީ ގޮތުން ބިނާކުރެވޭ އެންމެ މުހިންމު އެއް އަސާސެވެ.
މި ސްކީމަށް ކޮންމެ މަހަކު ވަޒީފާއަދާކުރާ ފަރާތުންނާއި ވަޒީފާދޭ ފަރާތުން ޕެންޝަނަށް ކޮންޓްރިބިއުޓްކުރާ ފައިސާއަކީ ހަމައެކަނި ރައްކާކޮށްފައި ބަހައްޓާ ފައިސާއެއް ނޫނެވެ. އޭގެ ބަދަލުގައި، ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީހާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ޒިންމާއަކީ، އެ ފައިސާގެ އަގު ހިފަހައްޓައި، މެންބަރުންނަށް މަންފާ ލިބޭނެ ފަދަ އެކި ބާވަތުގެ އެސެޓްތަކުގައި އެ ފައިސާ އިންވެސްޓްކޮށްގެން އިތުރުކުރުމެވެ.
ޕެންޝަން ސްކީމަށް މެންބަރުން ޖަމާކުރާ ފައިސާ އިންވެސްޓްކުރުމުން، މެންބަރުންނަށް ގިނަގުނަ މަންފާތަކެއް ލިބިގެންދެއެވެ. އެންމެ މުހިންމު ކަމަކީ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ފައިސާގެ އަގު (ޕާޗޭސިންގް ޕަވާ) ދަށްވިޔަނުދީ ހިފަހައްޓައިދީ، ރިޓަޔަރމަންޓަށް ރައްކާކުރާ ފައިސާ އިތުރުކޮށްދިނުމެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން އަހަރަކު އެވްރެޖުކޮށް %5 އަށް ވުރެ މަތީ ރިޓަރންއެއް (ފައިދާއެއް) ވަނީ ލިބިފައެވެ. މިއީ އާންމުކޮށް ބޭންކުތަކުގެ ސޭވިންގްސް އެކައުންޓުތަކުން ލިބޭ ފައިދާއާ އަޅާބަލާއިރު ބޮޑު މިންވަރެކެވެ. އިންވެސްޓްކޮށްގެން ލިބޭ ހުރިހާ ފައިދާއެއް ބަހާލެވެނީ ސީދާ މެންބަރުންގެ މެދުގައެވެ. އަދި މި ފައިސާ ކޮންމެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވެއެވެ. އެކައުންޓަށް މިގޮތުން އިތުރުވާ ފައިދާގެ ތަފްޞީލުތައް، ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު މެންބަރުންނަށް ބަލާލެވޭނެއެވެ.
ޕެންޝަނާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ (ރ) ގައި ޕެންޝަން ފައިސާ ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނެ އެސެޓްތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސެް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިނެް ލައިސަންސެް ދީފައިވާ ބޭންކްތަކުން ދޫކުރާ ބޭންކް ޑިޕޮޒިޓްސް އަދި މަނިޓަރީ ފަންޑުތަކާއި، ދިވެހިސަރުކާރުގެެ ކަމާބެހޭ ވުޒާރާއަކުން ދޫކުރާ ސެކިއުރިޓީސްތަކާއި، ވިޔަފާރި ކުރާ ތަންތަނުނެް ދޫކުރާ ސެކިއުރިޓީސްތަކުގެެ ތެރެއިނެް ރާއްޖޭގައި ލައިސަންސެް އޮތެް ސްޓޮކެް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީތައް އަދި ރާއްޖޭގައި ހުއްދަލިބިފައިވާ މިއުޗުއަލެް ފަންޑުތަކާއި އިންވެސްޓްމަންޓް ފަންޑުތަކެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި އިންވެސްޓްކުރެވޭނެ އެސެޓުތައްވެސް ޕެންޝަނާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.
ޕެންޝަން ފައިސާ އިންވެސްޓްކުރުމުގައި ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ އެސެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ގެންގުޅޭ އެންމެ މުހިންމު އެއް އުޞޫލަކީ އިންވެސްޓްމަންޓްތައް ސިންދަފާތުކުރުން ނުވަތަ "ޑައިވަރސިފައި" ކުރުމެވެ. އިންވެސްޓްމަންޓްތައް ސިންދަފާތުކުރުމަކީ ހަމައެކަނި އެއް ބާވަތެއްގެ އިންވެސްޓްމަންޓަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކި ސިނާޢަތްތަކާއި ތަފާތު އެސެޓް ކްލާސްތަކުގައި ފައިސާ އިންވެސްޓްކުރުމެވެ. މިގޮތަށް އެކި ދާއިރާތަކަށް އިންވެސްޓްމަންޓްތައް ބަހާލުމަކީ، މާކެޓަށް އަންނަ ބަދަލުތަކުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކޮށްދީ، ރިސްކް މެނޭޖްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މިއީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ހޯދައިދިނުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.
މީގެ އިތުރުން، ޕެންޝަން ދޫކުރުމަށް ބޭނުންވާ ފައިސާ ދަތިކަމަކާ ނުލައި ލިބޭނެ ގޮތަށް ޕެންޝަން ފައިސާ އިންވެސްޓްކުރުމަކީވެސް ޕެންޝަން އޮފީހުން ބަލާ މުހިންމު ކަމެކެވެ.
މި ހުރިހާ މަސައްކަތެއްގެވެސް މައިގަނޑު އަމާޒަކީ، މެންބަރުންނަށް ރިޓަޔަރމަންޓުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ފަދަ އެކަށީގެންވާ އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ. މިގޮތުން، ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ މައިގަނޑު ލަނދުދަނޑިއަކީ، ވަޒީފާއިން ވަކިވާއިރު ލިބޭ ޕެންޝަން އިނާޔަތަކީ އެމީހަކު މަސައްކަތް ކުރި ދުވަސްވަރު ލިބެމުންދިޔަ އާމްދަނީގެ މަދުވެގެން ދެބައިކުޅަ އެއްބައި ނުވަތަ 50 އިންސައްތައާ އެއްވަރުގެ އަދަދަކަށް ހެދުމެވެ.
އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ (ނަގުދު ފައިސާ) ދެމެހެއްޓުމާއެކު، އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޕެންޝަން އޮފީހުގެ އެންމެ އިސް އެއް މަސްއޫލިއްޔަތެވެ. މިއީ މިއަދު ރައްކާކުރާ ފައިސާގެ އެހީގައި، މާދަމާގެ ދިރިއުޅުން އުޖާލާކޮށްދިނުމަށްޓަކައި ކުރެވޭ ދެމެހެއްޓެނިވި މަސައްކަތެކެވެ.