ޚަބަރު

ހުޅުމާލޭގައި 3000 މެޓްރިކް ޓަނުގެ އާރު.އޯ ޕްލާންޓެއް ޤާއިމްކުރަނީ


ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރާ 3000 މެޓްރިކް ޓަނުގެ އާރު.އޯ ޕްލާންޓުގެ އެއްބަސްވުމުގައި އެމް.ޑަބްލިއު.އެސް.ސީން ހިޓާޗީ ކުންފުންޏާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމް.ޑަބްލިއު.އެސް.އީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، މި އާރު.އޯ ޕްލާންޓް ބެހެއްޓުމުގެ މަޤްޞަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފެން، ރައްކާތެރިކަމާއެކު ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން ކަމުގައެވެ. އަދި މިޕްލާންޓް ބެހެއްޓުމަށް 1.5 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށާއި 7 މަސްދުވަސް ތެރޭގައި މިމަސައްކަތް ނިންމާލެވޭނެކަމަށް ފަޒުލް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14772316661516.jpg|އާރު.އޯ ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޑަބްލިއުއެސްސީ

ޕްލާންޓް ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ނިމި 2018 ވަނަ އަހަރު މިޕްލާންޓުން ފެން ފޯރުވައިދެވޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިޓާޗީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދެ ކުންފުނީ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނޭކަމުގައެވެ. އަދި އާރް.އޯ ޕްލާންޓް ޤާއިމްކުރުމުގެ އިތުރުން، އެހެން މަޝްރޫޢު ތަކުގައިވެސް އެމް.ޑަބްލިއު.އެސް.އީއަށް އެހީތެރިކަން ފޯރުވައިދެމުންދާނެ ކަމަށް ވިދާޅުވިއެވެ.