ކުޅިވަރު

އެފްއޭއެމްގެ ދަރަނި 6 މިލިޔަން ޑޮލަރަށްވުރެ ކުޑަވާނެ: ޠާރިޤް


  • އައު މެނޭޖްމަންޓުން ހަވާލުވިއިރު، ނުވަ މިލިޔަން ޑޮލަރުގެ ދަރަނި ހުރި

  • މިހާރު ދަރަނި ހުރީ 5.6 މިލިޔަން ޑޮލަރުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދަރަނި ހަ މިލިއަން ޑޮލަރަށްވުރެ މިހާރު ކުޑަވާނެކަމަށް އެ އެސޯސިއޭޝަނުގެ ރައީސް އަހްމަދު ތާރިގު ވިދާޅުވެއްޖެއެވެ.

އެފްއޭއެމް ކޮންގްރެސްގައި ވާހަކަދައްކަވަމުން ތާރިގް ވަނީ އެފްއޭއެމްގެ ދަރަނީގެ ތަފްސީލު މެމްބަރު ކުލަބުތަކާ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރުގެ ހިންގާ ކޮމެޓީން އެފްއޭއެމްއާ ހަވާލުވިއިރު، ދަރަނި ހުރީ ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރުކަމަށް ތާރިގް ވިދާޅުވިއެވެ. އެކަމަކު، މިހާރުގެ ހިންގާ ކޮމެޓީން ހަވާލުވެ، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު މިހާރު ދައްކާފައިވާކަމަށް ތާރިގް ވިދާޅުވިއެވެ.

ތާރިގް ވިދާޅުވީ އެފްއޭއެމްގެ ދަރަނީގެ ތެރެއިން ފީފާއިން ދައްކައިދިން ދަރަނިތަކާއި، ބައެއް ކޭސްތައް އެފްއޭއެމްއާ އެއްކޮޅަށް ނިމިގެންދިޔުމާއި، ދަރަނި ދައްކަން ހުރި ސަރުކާރުގެ ބައެއް ކުންފުނިތަކާއެކު މަޝްވަރާ ކުރެވިގެން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގާތް ގަނޑަކަށް ތިން މިލިއަން ޑޮލަރުގެ ދަރަނި ދެއްކިފައިވާ ކަމަށެވެ. އަދި އެފްއޭމްގެ ދަރަނީގެ ގޮތުގައި މިހާރު ހުރީ ގާތްގަނޑަކަށް 5.6 މިލިއަން ޑޮލަރުކަން އޭނާ ހާމަކުރެއްވިއެވެ.

"އެފްއޭއެމްގެ ދަރަނި އަޅުގަނޑުމެންނާ ހަވާލުވިއިރު، ހާއްސަކޮށް މިދިޔަ އަހަރު، ނުވަ ވަރަކަށް މިލިއަން ޑޮލަރުގެ ދަރަނި ހުރި. އޭގެ ތެރެއިން ފީފާއިން ދަރަނި ދައްކަން ހުރި ފަރާތްތަކުގެ ދެއްކި ދަރަނިތަކާއި، ދަރަނި ދައްކަން ހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އެހެން ފަރާތްތަކާއި މަޝްވަރާ ކޮށްގެންނާއި، އަދި ބައެއް ކޭސްތައް އެފްއޭއެމްއާ އެއްކޮޅަށް ހާއްސަކޮށް ފީފާގައި ހުރި ކޭސްތަކާއި، ކޯޓުގައި ހުރި ކޭސްތައް ވިތްޑްރޯ ކުރުމާއެކު މިހާރު ގާާތް ގަނޑަކަށް ތިން މިލިއަނެއްހާ ދަރަނި މި ވަނީ ކެނޑިފައި. އެހެންވެ، މިހާރު އެސްޓަބްލިޝްވެފައި އޮންނާނީ 5.6 މިލިއަނެއްހާ ޑޮލަރުގެ ދަރަނި" ތާރިގް ވިދާޅުވިއެވެ.

ތާރިގް ވިދާޅުވީ، އޭގެ ފަހުން ވެސް އެފްއޭއެމްއަށް އަންނާނެކަމަށް ބެލެވުނު ދެ ދަރަނިވާ ކަމަށެވެ. އޭގެ ތެރެއިން ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ދަށުން ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ އިމާރާތާއި، އެ ހަދާފައިވާ އިމާރާތުގެ ބޭރުން ގުދަން ހެދުމަށްޓަކައި ކުއްޔަށްދީފައިވާ ގުދަންތަކުގެ އެއްބަސްވުންތައް ރޫޅާލާއިރު، ބައެއް ފަރާތްތަކުން ކޯޓަށްދާ ކަމަށެވެ. އެކަމަކު މިހާރު އެފްއޭއެމް އިން ނިންމާފައިވަނީ އެ އެއްބަސްވުންތައް ރޫޅާލުމަށް ކަމަށާއި، ކޯޓަށް ބައެއް ފަރާތްތަކުން ގޮސްފިނަމަ އޭގެ ސަބަބުން އެފްއޭއެމް އަށް މާލީ ގެއްލުންތަކެއް ވެދާނެ ކަމަށް ތާރިގް ވިދާޅުވިއެވެ.

ތާރިގް ވިދާޅުވީ، މީގެ އިތުރުން ހުޅުމާލޭ ބިމުގެ (ފުޓްބޯލް ސްކޫލް ބިން) މައްސަލައިގައި ވެސް އެޗްޑީސީއާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އެގޮތުން އެޗްޑީސީއާއެކު އެފްއޭއެމް އިން ކުރި މަޝްވަރާގެ ތެރެއިން ތިން އަހަރު ދުވަހުގެ ސްޕޮންސަރޝިޕުގެ ގޮތުގައި އެޗްޑީސީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.