ޚަބަރު

ޢަސްކަރީ ދާއިރާއިން އުގެނުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި


ޢަސްކަރީ ދާއިރާއިން ތަމްރީނާއި އުގެނުމުގެ ފުރުޞަތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ތަމްރީނާއި އުގެނުމުގެ ތެރެއިން އެމްއެންޑީއެފުން ހުޅުވާލާފައިވަނީ، އެމެރިކާގެ ޢަސްކަރީ ތިން އެކެޑަމީއަކުން ކިޔެވުމުގެ ފުރުޞަތުތަކެއްކަމަށެވެ. މިގޮތުން، މި ފުރުޞަތުގެ ދަށުން، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑު އެކެޑަމީ (ޔޫއެސްސީޖީއޭ) އާއި، ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ (ޔޫއެސްއެމްއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ (ޔޫއެސްއެންއޭ) އިން ބެޗްލަރސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

އަންނަ 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ މި ކޯސްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން 2016 ނޮވެމްބަރ 1 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ހުށަހެޅުމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ކޯހުގެ އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓުގައި ޑައުންލޯޑު ކުރެވެން ހުންނާނެކަމަށެވެ.