ޚަބަރު

ޕެންޝަން ސްކީމްގެ ޤަވާޢިދު އިސްލާހުކޮށްފި


ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދު އިސްލާޙުކޮށް، އެޤަވާއިދުގެ ދަށުން ކުރަމުން އައި ޖޫރިމަނާތަކުގެ އަދަދު ކުޑަކޮށް، ޤަވާއިދަށް އަމަލުކުރައްވަން ފަށްޓަވައިފިއެވެ. 

ޕެންޝަނާ ބެހޭ އޮފީހުން ވިދާޅުވީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދަށް އިސްލާޙު ގެންނެވީ އެކިއެކި ސަބަބުތަކާ ހުރެ މިސްކީމްގައި ބައިވެރިނުވެ، ތިބި ފަރާތްތައް ސްކީމުގައި ބައިިވެރިވުމަށް ހުރި ދަތިތަކަށް އިދާރީ ގޮތުން ލުޔެއް ދެއްވުމަށް ކަމަށެވެ. 

އެ ޤަވާއިދުގެ އެއްތިރީސް ވަނަ މާއްދާއާއި ތިރީސް ހަތަރު ވަނަ މާއްދާގެ ދަށުން ކުރަމުން އައި ޖޫރިމަނާތަކުގެ އަދަދުތައް މިހާރު ކުޑަކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.  ދިވެހިރާއްޖޭގެ ރިޓަޔަރަމަންޓް ޕެންޝަން ސްކީމްގައި ބައިވެރިނުވާ ފަރާތްތަކުން ބައިވެރިނުވެ ފާއިތުވެގެންދާ ކޮންމެ މަހަކަށް ނެގުމަށް ހަމަޖެހިފައިވަނީ ފައްސަތޭކަ ރުފިޔާއެވެ. ނަމަވެސް މިހާރު ޤަވާއިދަށް ގެނެވުނު އިސްލާޙާ ގުޅިގެން ވަޒީފާދޭ ފަރާތްތައް މިސްކީމްގައި ބައިވެރިނުވާ ނަމަ، ޖޫރިމަނާ ގޮތުގައި ނެގޭނީ ޖުމްލަ ފައްސަތޭކާ ރުފިޔާއެވެ. މީގެ އިތުރުން ވަޒީފާ ދޭ ފަރާތުން މި ޤަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުތައް ބަލަހައްޓަމުން ގެންގޮސްފައިނުވާތީ، ކުރިން ޖޫރިމަނާ ކުރެވެމުން ދިޔަ އަދަދަށް ވެސް ވަނީ ބަދަލު ގެންނަވާފައެވެ. ކުރިން ޖޫރިމަނާ ކުރެވެނީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި ފައްސަތޭކަ ރުފިޔާއާއި ފަންސާސް ހާސް ރުފިޔާ ދެމެދު އަދަދަކުންނެވެ. ނަމަވެސް އަލަށް ގެންނެވި އިސްލާޙާ ގުޅިގެން ވަޒީފާދޭ ފަރާތް މިހާރު ޖޫރިމަނާ ކުރެވޭނެ ޖުމްލަ އަދަދަކީ އެއްހާސް ރުފިޔާއެވެ. 

ޕެންޝަން އޮފީހުން ވިދާޅުވީ، ޕެންޝަން ސްކީމްގެ ޤަވާއިދަށް އިސްލާޙު ގެނެސް އެ ޤަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ކުޑަކުރައްވާފައިވީ ނަމަވެސް މިކަމުގެ ސަބަބުން މިސްކީމްގެ ބައިވެރިން ކަމުގައިވާ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަމުގެ އެއްވެސް ގެއްލުމެއް ލިބެމުން ނުދާނެ ކަމަށެވެ. އަދި އެފަރާތްތަކަށް ޙައްޤުވާ މަންފާ އެފަރާތްތަކަށް މިހާރުވެސް ލިބެމުންދާ ގޮތުގެ މަތިން ބަރާބަރަށް ލިބެމުންދާނެ ކަމަށެވެ.  

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ދެހާސް ނުވަވަނަ އަހަރު އުފައްދަވާފައިވާ މުއައްސަސާއެކެވެ.