ޚަބަރު

ޕީޕީއެމް މައްސަލާގައި ދަށުކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފި


ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ހަވާލުކުރުމަށް ސިވިލްކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދުކުރައްވައި އެ ހުކުމް ދަމަހައްޓައިފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމަވާފައިވަނީ ދަށުކޯޓުގެ ނިންމެވުމުން ބާތިލުކޮށްދިނުމަށް އެދި ޕީޕީއެމްގެ ޢާއްމު މެމްބަރަކު އިސްތިއުނާފްކުރި މައްސަލައިގައެވެ. ހައިކޯޓުން މިއަދު އިއްވެވި ހުކުމްގައިވަނީ ޕީޕީއެމްގެ އަސާސީ ޤަވައިދާ އެއްގޮތަށް ކައުންސިލްގެ ބައްދަލުވުންތައް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ބާއްވަވާފައިނުވާކަން އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތައް އަސާސީ ޤަވައިދާއި އެއްގޮތަށް ބާއްވާފައިނުވާ މަޤްބޫލު ހުއްޖަތެއް ރައީސް މައުމޫންގެ ފަރާތްޕުޅުން ދެއްކިފައިނުވާކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ޕީޕީއެމްގެ ޤަވައިދުތަކާއި އެއް ގޮތަށް އެ ޕާޓީގެ ރައީސް އަމަލުކުރައްވަމުން ނުގެންދަވާތީ އެ ޕަޓީ ކުރިޔަށް ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން އެކަމުގެ ފަރުވާއެއް ހޯދުމަށް އެ ޕާޓީގެ މެމްބަރުންތަކެއް އެ މައްސަލަ ޝަރީއަތަށް ހުށައެޅިފައިވާ ހާލަތުގައި އެ ޕާޓީގެ ޤަވައިދާ އެއްގޮތަށް ހިންގޭނެ މަގެއް ތަނަވަސްކޮށްދީ އެކަމަށް ފަރުވާއެއް ދިނުމަކީ ޝަރީއަތުގެ ފަރާތުން ކުރަންޖެހޭ ކަމެއްކަމާއި އެއީ އެއްވެސް ހާލެއްގައި ޕާޓީގެ ހިނގުމުގެ ތެރެއަށް ޝަރީއަތުން ވަނީކަމުގައި ނުބެލެވޭނެކަމަށްވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަކުރައްވާފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/14772295944921.jpg|ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި އަރިސް ބައެއް ބޭފުޅުން ކޯޓުން ނިކުމެވަޑައިގެންނަވަނީ / ފޮޓޯ: ޕީއެސްއެމް

ޕީޕީއެމްގެ ތެރޭގައި ދިމާވެފައިވާ މައްސަލައަކީ ހާއްސަ ޙާލަތެއްކަމަށާއި އެފަދަ ހާލަތެއްގައި ކަންކުރަންވީ ގޮތް އެޕާޓީގެ އަސާސީ ޤަވައިދުގައި ނެތް އިރު ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި އެކަމެއް ކުރުމަށް ވަކިގޮތެއް ކަނޑައަޅާފައިނެތް ކަންކަމުގައި، އެކަމެއްގެ ފަރުވާއެއް ޝަރީއަތުން ދޭ ދިނުމުގައި، މައްސަލަ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި އެކަމުގެ ސަބަބުން މައްސަލަ ހުށައެޅި ފަރާތައް އަވަސް އަދި އިންސާފުވެރި ހައްލެއް ދިނުމަށްޓަކައި ޤާނޫނުތަކާއި ޤަވައިދުތަކާއި ހިލާފު ނުވާނެ ގޮތުގައި މަތިން އިންސާފު ޤާއިމުކުރުމަށްޓަކައި ނެރެންޖެހޭ އަމުރުތައް ނެރުމާއި ހުކުމްތައް ކުރުމަކީ ކޯޓްތަކަށް ވިރާސީ ގޮތުން ލިބިގެންވާ ބާރެއްކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވެއެވެ.

އަދި ޕީޕީއެމްގެ ކަންކަން ހިންގާފައިވާގޮތަށް ބަލާއިރު އެޕާޓީގެ ހިންގުން ވަގުތީ ގޮތުން މުސްތަޝާރާ ހަވާލުކުރުމަކީ ޕީޕީއެމްގެ މެމްބަރުންގެ މަސްލަހަތާއި އެޕާޓީގެ މަސްލަހަތުގައި އޮތް އެންމެ ރަގަޅު ފަރުވާކަން މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި ކަން ހިނގާ ގޮސްފައިވާ ގޮތަށް ބެލުމުން އެގެން އޮންނަކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވެއެވެ. އެހެންކަމުން ޕީޕީއެމްގެ ހިންގުން އެޕާޓިގެ މުސްތަޝާރާއި ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް ހައިކޯޓްގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެޑައިގަންނަވާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

ދަށުކޯޓްގެ ނިންމެވުމަށް ތާއިދުކުރައްވާ ހައިކޯޓުން މައްސަލަ ނިންމެވުމާއި ގުޅިގެން އެ މައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރައްވާނެކަމަށް ރައީސް މައުމޫންގެ ދަރި ކަނބަލުން ދުންޔާ މައުމޫން ވިދާޅުވިއެވެ.