ޚަބަރު

ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި


ތިލަފުށި އިންޑަސްޓްރިއަލް ޒޯން – ޓީ.އައި.ޒެޑް- ގުޅުވައިދޭ މަގު ހެދުމުގެ މަޝްރޫޢު ކަމުގައިވާ " ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ތިލަފުށީ ކޯޕަރޭޝަނުން، ތިން ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިއަދު  ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ތިން ކުންފުންޏަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮންމްޕެނީ (އެމްޑަބްލިއު އެސް.ސީ) އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެވެ. 

ތިލަފުށި ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުންދަނީ ގިނަމަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތިލަފުށީ ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްމަސައްކަތަކީ ތިލަފުށީ އިންޑަސްޓްރިއަލް ޒޯން ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އެގޮތުން ތިލަފުށި 1 އަދި ޓީ.އައި.ޒެޑް ގުޅުވައިދޭ މަގު ގެ މަޝްރޫޢު ނިމިގެންދާއިރު، އެތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެއެވެ. ތިލަފުށީ ޓީ.އައި.ޒެޑް ގުޅުވައިދޭ މަގުހެދުމާއި ފެނާއި ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އެގޮތުން ތިލަފުށީ ކޯޕަރޭޝަނުން ވަނީ ތިންކުންފުންޏަކާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. އެއީ ސްޓެލްކޯއާއި އެމްޑަބްލިއު އެސް.ސީ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

img:http://s1.psmnews.mv/images/660x400/14772130245987.jpg|ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ:ޕީއެސްއެމް

"ތިލަފުށީ އެކްސެސް ރޯޑް ޕްރޮޖެކްޓްގައި" ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގައި ތަރައްޤީގައި ތިލަފުއްޓަކީ މުހިންމު ދައުރެއް އަދާކުރާތަނަކަމަށެވެ. އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން – ޓީ.އައި.ޒެޑް- ގުޅުވައިދޭ މަގުގެ މަޝްރޫޢޫ ކަމުގައިވާ "ތިލަފުށީ އެކްސެސް ރޯޑް ޕްރޮޖެކްޓް" ގެ މަސައްކަތަކީ ތިލަފުއްޓަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ޝައިނީ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14772130893502.jpg|ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގެ ތެރެއިން - ފޮޓޯ:ޕީއެސްއެމް ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މިފަދަ ބޮޑު މަޝްރޫޢުއެއް އެރަށުގައި ކުރިޔަށްގެންގޮސްފައިނުވާކަމަށެވެ. މިޕްރޮޖެކްޓްގެ ދަށުން ތިލަފުށީގެ ކުރީގެ ސަރަހއްދާ މިހާރު އަލަށް ހިއްކާ ސަރަހައްދު ތަރައްޤީ ވުމުން އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ފަސޭހަވެގެންދާނެކަމަށާ، މި މަޝްރޫއުގެ ދަށުން އާބިންތަކެއް ކުއްޔަށް ދިނުމަށް ހުޅުވާލައްވާނެކަމަށް ވެސް ނާސިފް ވިދާޅުވިއެވެ.ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި އަލަށް ހިއްކާފައި ވަނީ ގާތްގަޑަކަށް 22 ހެކްޓަރުގެ ބިމެވެ. 

މިއަހަރުގެ ތެރޭގައި އެކޯޕަރޭޝަނުން ކުރިޔަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއަކީ ތިލަފުށި 1 އަދި ޓީ އައިޒެޑް ގުޅުވައިދޭ މަގެވެ.