އެމެރިކާގެ ބާސްކެޓްބޯޅަ ލީގު، އެންބީއޭ ދުށް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ލެބްރޮން ޖޭމްސް ފިލަޑެލްފިއާ 76ސަރސް އާ ގުޅެން ނިންމައިފިއެވެ.
އުމުރުން 41 އަހަރުގެ ލެބްރޮން ޖޭމްސް 76ސަރސްއާ ގުޅެން ނިންމިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރި މެސެޖެއްގައެވެ. މި މެސެޖުގައި ލެބްރޮން ލިޔެފައިވާގޮތުގައި މިއީ އޭނާގެ އެންމެ ފަހު ނިންމުމެވެ. މިއީ ފައިސާއަށް ނިންމި ނިންމުމެއް ނޫން ކަމަށާއި އަދި މިއީ އާއިލާއަށް ނިންމި ނިންމުވެސް ނޫންކަމަށް އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.
އޭގެބަދަލުގައި، މި ނިންމުމުގެ ބޭނުމަކަށްވީ އޭނާ އަދިވެސް މަސައްކަތްކޮށް ވާދަކުރަން ބޭނުންވުންކަން ފާހަގަކޮށް، އެންބީއޭގެ އިތުރު މުބާރާތެއް ކާމިޔާބު ކުރަން ބޭނުންވުންވާކަމަށް ލެބްރޯން ބުނެފައިވެއެވެ. ލެބްރޮން ބުނީ އޭނާ ގަބޫލް ކުރާގޮތުގައި ފިލަޑެލްފިއާ 76ސަރސް އަކީ އެންބީއޭގެ ތަށްޓައް ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް ހެދިދާނެ ކަމަށެވެ. އަދި އާ ސަޕޯޓަރުންތަކަކާއެކު މުޅިން އާދަތުރެއް އެންމެ ފަހު ފަހަރަށް ފަށަން ކެތް މަދުވެފައިވާކަމަށް ލެބްރޮން ބުންޏެވެ.
މިހާރުވެސް 23 ސީޒަނާއެކު އެންމެ ގިނަ ސީޒަންގައި ވާދަކުރި ކުޅުންތެރިޔާގެ ރިކޯޑް އޮންނަ ލެބްރޮން ވޭތުވެދިޔަ 8 ސީޒަން ހޭދަކޮށްފައިވަނީ ލޮސް އެންޖަލިސް ލޭކަރސް އާއެކުއެވެ. އަދި އެޓީމާއެކު 2020 ވަނަ އަހަރު އޭނާވަނީ އެންބީއޭ ފައިނަލްސް ވެސް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ކްލީވްލަންޑް ކެވެލިއާރސް އަށް ދެ ފަހަރެއްގެ މަތިން އަދި މައޭމީ ހީޓަށް ހަތަރު އަހަރު ކުޅެފައިވެއެވެ.
މިއަހަރުގެ މާޗްމަހު ލެބްރޮން ވަނީ އެންބީއޭގެ ރެގިއުލަރ ސީޒަންގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑްވެސް މުގުރާލައިފައެވެ. އަދި އޭނާވަނީ މެދުނުކެނޑި 22 ސީޒަންގައި އޯލް ސްޓަރ ޓީމުންވެސް ޖާގަހޯދައިފައެވެ.