ޚަބަރު

ފަސް ކައުންސިލަރުން އިންތިޚާބުކުރާނީ 13 ރަށަކަށް


އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަވާ ލޯކްލް ކައުްނސިލްތަކުގެ އިންތިޚާބުގައި ފަސް ކައުންސިލަރުން އިންތިޚާބުކުރާނީ 13 ރަށަކަށް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. 

މިކަން ހާމްކުރައްވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް 2017 ގެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންޖެހޭ ޢަދަދުތައް ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ޢިއުލާނުގައެވެ. 

މިފަހަރުގެ އިންތިޚާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިޚާބު ކުރާނީ ތިނެއް ނުވަތަ ފަސް ކައުންސިލަރުންނެވެ. އެއީ ތިންހާހުން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ތިން ކައުންސިލަރުން، އަދި ތިންހާހަށްވުރެ މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ފަސް ކައުންސިލަރުންނެވެ. 

އަތޮޅޮ ކައުންސިލްތަކަށް އިންތިޚާބުކުރާނީ 2 އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްގައިނަމަ، ކޮންމެ އިންތިޚާބީ ދާއިރާއަކުން އެންމެ ކައުންސިލަރެކެވެ. 

ދެ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ ތިން ކައުންސިލަރުން އެއަތޮޅެއްގެ އަތޮޅުކައުންސިލުގައި ތިއްބަވާނެއެވެ. 

ސިޓީތަކުގައި އިންތިޚާބުކުރާނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން އެންމެ ކައުންސިލް މެންބަރެކެވެ. އެއީ، މާލެ ސިޓީގައި 13 މެންބަރުން، އައްޑޫ ސިޓީގައި 7 މެންބަރުން، އަދި މުޅިން އަލަށް ސިޓީއަކަށް ބަދަލުވި ފުވައްމުލައް ސިޓީއަށް 3 މެމްބަރުންނެވެ. 

އިލެކްޝަން ކޮމިޝަނުން ހާމަކުރައްވާ ގޮތުން، 14 ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރާނީ ޖުމްލަ ހަސަތޭކަ ފަންސާސް ތިން ކައުންސިލަރުންނެވެ. އެއީ 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުންނެވެ. 

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ ބުދަދުވަހުއެވެ.