ކުޅިވަރު

ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު އާން އަށް


  • މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ ސްކޮޓްލަންޑްގައި

  • މުބާރާތުގެ ބައެއް އިވެންޓްތައް މާދަމާ ފަށާނެ

ސްކޮޓްލަންޑްގެ ގްލާސްގޯގައި މި މަހު ފަށާ ކޮމަންވެލްތް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ފެތުންތެރިޔާ މުހައްމަދު އާން ހުސެއިންއާ ހަވާލުކުރިއިރު، ކިންގްސް ބެޓަން އުފުލުމުގެ ޝަރަފު ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފަށް އަރުވައިފިއެވެ.

މި ފަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ދެ ކުޅިވަރުންނެވެ. އެއީ ސްވިމިންގް އަދި އެތުލެޓިކްސްއެވެ.

މުބާރާތައް ގައުމީ ސްވިމިންގް ޓީމު މިހާރު ސްކޮޓްލަންޑްއަށް ގޮސްފައިވާއިރު، އިއްޔެ ވަނީ ގައުމީ ޓީމާ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައްދަލުކުރައްވާފައެވެ. އެގޮތުން މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރާފިއު ވަނީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ފެތުންތެރިޔާ އާން އަށް އަރުވާ، ގައުމީ ދިދަ އާންއާ ހަވާލުކުރައްވާފަ އެވެ.

އާންގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ކިންގްސް ބެޓަން ރާއްޖެއިން އުފުލާލުމުގެ ޝަރަފު މެރާލް އަށް ވެސް ވަނީ އަރުވާފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސްވިމިންގް ޓީމުގެ ފެތުންތެރިންނަކީ، އާން، މެރާލް، އަމްނާ ތަޒްކިޔާ މިރުޝާދު، މުހައްމަދު ރިހާން ޝިޔާދު އަދި ލޫތު މުހައްމަދު ހުސެއިންއެވެ. މީގެ ތެރެއިން އާން އާއި ރިހާން ވަނީ 2022 ވަނަ އަހަރު ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގައި ވާދަކޮށްފަ އެވެ.

ސްވިމިންގް އިތުރުން މި މުބާރާތުގައި ދެން ވާދަކުރާނީ އެތުލެޓިކްސް އެވެ. މި ފަހަރުގެ މުބާރާތުގައި އެތުލެޓިކްސް ޓީމުން ވާދަކުރާ އެތުލީޓުންނަކީ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު، އާދަމް ރިއްފަތު، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަހުމަދު، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދު އެވެ.

މީގެ ތެރެއިން ސާއިދު ވަނީ ތިން ފަހަރު މަތިން ކޮމަންވެލްތް ގޭމްސްގައި ވާދަކޮށްފަ އެވެ. އެއީ 2010، 2014 އަދި 2022 ވަނަ އަހަރުގެ މުބާރާތުގަ އެވެ.