ކުޅިވަރު

ހަތް ޓީމާއެކު ރާއްޖެ ސުޕަ ލީގު އަންނަ މަހު


  • މި މުބާރާތުގެ ތާރީޚު ތިން ފަހަރެއްގެ މަތިން ވަނީ ބަދަލުކޮށްފައި

  • މި ފަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރާނެ

  • މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން

ހަތް ޓީމާއެކު މުޅިން އަލަށް ބާއްވާ ރާއްޖެ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަން އަންނަ މަހު ތިންވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ނިންމައިފަވަނީ، މި މަހުގެ 28 ވަނަ ދުވަހުގައެވެ. އެކަމަކު ވީއޭއެމް އިން ވަނީ މުބާރާތް އަވަސް ކުރަން ނިންމައިފަވަނީ، 01 މެއި ވަނަ ދުވަހު މުބާރާތް ފަށާނެ ކަމަށް ބުނެފަ އެވެ. އެއާއެކު، ޓީމުތަކުން ވަނީ މުބާރާތައް ވަރަށް ބޮޑަށް ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން ބައެއް ޓީމުތަކުން ވަނީ ރާއްޖެއިން ބޭރުން ކުޅުންތެރިން ގެނަސް ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ދަނިކޮށް ވީއޭއެމް އިން ވަނީ އަލުން މުބާރާތް ބާއްވާ ތާރީޚަށް ބަދަލު ގެނަސް އަންނަ މަހު ތިންވަނަ ދުވަހު މުބާރާތް ފެށުމަށް ނިންމާފައެވެ.

ވީއޭއެއެމް އިން އެ ފަހަރު ބުނީ އެ ބަދަލު ގެންނަން ޖެހުނީ، ރާއްޖެ ސުޕަ ލީގަކީ، ރަށްރަށުގެ ޓީމުތަކަށް ބައިވެރިވާން ހުޅުވާލާފައިވާ މުބާރާތަކަށް ވުމާއެކު، ކައުންސިލްތަކުގެ އިންތިޚާބާ މުބާރާތް އޮންނަ ތާރީޚާ ކައިރިވެފައިވުމުން ރަށްރަށުގެ ކައުންސިލުތަކަށް ޓީމުތަކަށް ޚަރަދުކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް ފެނުމާއެކު މުބާރާތް ފަސްކުރަން ނިންމީ ކަމަށެވެ.

ރާއްޖެ ވޮލީ ލީގުގެ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއާއެކު މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ހަތް ޓީމު ދެ ޕޫލަށް ބަހައިލައިގެންނެވެ. ޕޫލް އޭގައި ހިމެނެނީ ހދ. ހަނިމާދޫ، ލ. ފޮނަދޫ، ވ. ފެލިދޫ އަދި ކ. މާފުށިއެވެ.

ޕޫލް ބީގައި ތިން ޓީމެއް އޮތްއިރު، ޕޫލް ބީގައި ހިމެނޭ ޓީމުތަކަކީ، ބ. ގޮއިދޫ. ތ. ހިރިލަންދޫ އަދި ކ. ތުލުސްދޫ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.

މި އަހަރުގެ ޖަނަވަރީ މަހު ބޭއްވި ރާއްޖެ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކޮށްފައިވަނީ، ލ. ގަމާއި މާބައިދޫއެވެ. ގަން ބަލިކޮށް އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މާބައިދޫ އިންނެވެ.