ޚަބަރު

ނިއުގައި ޖާގަ ޔަގީންވާ އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ: މުބީން


  • ޓީމު ވަރުގަދަކުރަން ބަދަލުތަކެއް ގެނެސްފައިވޭ

  • ޖާގަ ޔަގީން ވާނީ މަސައްކަތްކުރެވޭ ކުޅުންތެރިންނަށް

އަންނަ ސީޒަނުގައި ފެނިގެންދާ ނިއުރޭޑިއަންޓުގެ ސްކޮޑުގައި، ޓީމުން ޖާގަ ޔަގީންވާނެ އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުބީން ވަނީ ނިއުއިން އަންނަ ސީޒަނަށް ވަމުންދާ ތައްޔާރީތަކާއި، ގެންނަ ބަދަލުތަކާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ހިއްސާކުރައްވާފައެވެ.

ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ އައު ދެ ކުޅުންތެރިޔަކާއި މިދިޔަ ސީޒަނުގައިވެސް ނިއުއިން ފެނިގެންދިޔަ ދެ ކުޅުންތެރިއަކާއެކު ޖުމްލަ 4 ބިދޭސީ ކުޅުންތެރިން ނިއުގެ ސްކޮޑުގައި ހިމަނާފައިވެއެވެ. އަދި ދިވެހި ކުޅުންތެރިންގެ ތެރެއިން ޒުވާން ތަރި އީތަން އިބްރާޙީމް ޒަކީ އާއި ތަޖުރިބާކާރު ޑިފެންޑަރު އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދު ﷲ (ލިލީ) ވެސް ވަނީ ނިއުގެ ސްކޮޑާ ގުޅިފައެވެ.

މީގެއިތުރުން، ނިއުގެ ސްކޮޑަށް ބަލާލާއިރު، ރާއްޖޭގެ އެއްވަނަ ކީޕަރު މުޙައްމަދު ފައިސަލް، މުޙައްމަދު އިރުފާން އަދި މުޙައްމަދު ނިޒާމްގެ އިތުރުން އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަކީ ނިއުރޭޑިއަންޓުގެ ޖާޒީގައި ފާއިތުވީ ސީޒަނުގައިވެސް ފެނިގެންދިޔަ ކުޅުންތެރިންނެވެ.

ޤައުމީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ހުނަރާއި ޤާބިލުކަމަށް ބަލާއިރު ތަފާތު މޮޅު ސްކޮޑަކާއެކު ނިއުއިން އަންނަ ސީޒަނަށް ތައްޔާރުވަމުންދާއިރު، އެ ޓީމުގެ ކޯޗު ސްޕެއިންގެ އަންދްރޭ ފްރެންސެސްކޯ މެނުއެލްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ޓީމުގެ ފުރަތަމަ 11 އެކުލަވާލުމެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުބީން ވިދާޅުވީ، ނިއުރޭޑިއަންޓުގެ އެއްވެސް މަގާމެއް (ޕޮޒިޝަނެއް) ޔަގީންވާނެ އެއްވެސް ކުޅުންތެރިއަކު ނުހުންނާނެ ކަމަށާއި ކޮންމެ ކުޅުންތެރިއަކުވެސް ޖެހޭނީ އެ ކުޅުންތެރިއަކަށް މަގާމު ހައްގުވާކަން ސާބިތުކޮށްދޭން ކަމަށެވެ.

"ނިއުރޭޑިއަންޓުގައި އެއްވެސް މަގާމެއް، ކީޕަރުން ފެށިގެން ގޮސް ނަމްބަރ 9 އާ ހަމައަށް އެއްވެސް މަގާމެއް، ތިމަންނަ މިއީ ޔަގީންކަމާއެކު ދަނޑަށް އަރާ ކުޅޭނެ މީހާއޭ ބުނަން ކެރޭނެ މީހަކު އަންނަ ސީޒަނުގައި ނިއުގެ ސްކޮޑަކު ނުހުންނާނެ. ހަމަ ގަދައަޅާ މަސައްކަތް ކޮށްގެން އެ މަގާމަކަށް ފައިޓު ކުރަން ޖެހޭނީ. ކީޕަރު ފައިސަލް ވެސް ޖެހޭނީ ފައިޓުކުރަން ހަމަ ކީޕަރަށް އަރަން. ޕީކޭ ވެސް ޖެހޭނީ އަޅުގަނޑުމެން މި ގެނައި އޭންޑީއާ ފައިޓުކުރަން އަރަން. ކޮންމެ މަގާމަކަށްވެސް އެރޭނީ ހަމަ ފައިޓުކޮށްގެން". މުބީން ވިދާޅުވިއެވެ.

ނިއު އިން އަންނަ ސީޒަނަށް އައު ކުޅުންތެރިންނާއެކު ސްކޮޑު ވަރުގަދަކޮށް ފަރިތަކުރުންތައް ފަށާފައިވާއިރު އަންނަ ސީޒަނުގައި އެ ޓީމުން ފެނިގެންދާނެ އެންމެ ތަފާތު ކުޅުންތެރިއަކަށް ވެގެންދާނީ އަލަށް އެ ކުލަބާ ގުޅުނު ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެވެ.

އޭނާ އަކީ ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުން ކެރިއަރު ފަށައި، ބަންގްލަދޭޝް ލީގާއި އިންޑިއާގެ ދެ ކުލަބަކަށްވެސް ކުޅެފައިވާ ލަނޑު ޖެހުމުގައި ތަފާތު މޮޅު ކުޅުންތެރިއެކެވެ. ނިމިދިޔަ ސީޒަނުގައި ޑޮރިއެލްޓަން ވަނީ ބަންގްލަދޭޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރަރގެ މަގާމުވެސް ހޯދާފައެވެ.