މުނިފޫހިފިލުވުން

އޭބިޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ލައިޝާ ލަވަ ހުށަހަޅާދީފި


އޭބިޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމްގެ ފަރާތުން ބައިވެރިވެ، ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދު ލަވަ ހުށަހަޅާދީފިއެވެ. އޭބީޔޫ ސޯންގް ފެސްޓިވަލަކީ، އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންއިން، އޭބީޔޫގެ މެންބަރު ޤައުމުތަކުގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.

މޯލްޑިވިއަން އައިޑަލްގެ ފޭސްބުކް ޕޭޖްގައި ޝެއަރކޮށްފައިވާ ލައިޝާގެ މިލަވައިގެ ވީޑިއޯއަށް ގަޑިއެއްހާ އިރުގެ ތެރޭގައި ތިންލައްކައަށްވުރެ ގިނަ ހިޓްސް ލިބިފައިވެއެވެ.  އިންޑޮނޭޝިއާގެ ބާލީގައި މިއަދު ހަވީރު ކުރިއަށްދިޔަ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ލައިޝާ ހުށަހަޅައިދީފައިވަނީ "މަގޭރަށް" މިލަވައެވެ. މިއީ ދިވެހި ވަންތަ އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

ކުރީ ޒަމާނުގެ ރާއްޖޭގެ ރަށެއްގެ ދިރިއުޅުމާއި އާދަކާދައާއި ވައްޓަފާޅި އަދި ރާއްޖޭގެ ރީތިކަން ސިފަކޮށްދޭ ގޮތަށް ލައިޝާ ހުށައަޅައިދިން މިލަވައިގެ ލިރިކްސް ހަދާފައިވަނީ ޙުސައިން ސައިފެވެ. އަދި ލަވަ ކޮމްޕޯޒްކޮށްފައިވަނީ ޙުސައިން ސައިފްއާއި އަޙްމަދު ފައިޒަންއެވެ. ލައިޝާގެ މި ހުށައެޅުމަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔައެވެ.

ފެސްޓިވަލަށް ފުރުމުގެ ކުރިން ޕީއެސްއެމްއާ ވާހަކަދައްކަމުން ލައިޝާ ބުނީ، މި ފުރުސަތަކީ، ލަވަކިޔުމުގެ ދާއިރާއިން ލިބުނު މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި ބޭރު ޤައުމެއްގައި ރާއްޖެ ތަމްސީލް ކޮށްލަން ލިބުމުން ފަޚުރުވެރިވާ ކަމަށެވެ. އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ރާއްޖޭގެ އިތުރުން 11 ޤައުމަކުން މިއަހަރު ބައިވެރި ވެފައިވެއެވެ. މީގެތެރޭގައި ޗައިނާ، ވިއެޓްނާމް، ސްރީލަންކާ، މަކާއޮ، ޖަޕާން، އިންޑޮނީޝިޔާ ޓިއުނީޝިއާ، އަފްޣާނިސްތާން، ސައުތުކޮރެއާ، ހޮންގކޮންގ ހިމެނެއެވެ. ރާއްޖޭގައި ޒުވާން ފަންނާނުންތަކެއް އުފައްދައި ފަންނާނުން ކުރިއެރުވުމަށްޓަކައި ޕީއެސްއެމުން ކުރަމުންދާ މަސައްކަތުގެ ދަށުން މިފަދަ އެކި ޕްލެޓްފޯމަތަކުން ރާއްޖޭގެ އެކިފަންނާނުންނަށް ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭބީޔޫ ޓީވީއަދި ރޭޑިއޯ ސޯންގް ފެސްޓިވަލްގައިވެސް ފަންނާނުން ބައިވެރިވުމަށް ޕީއެސްއެމުން ދަނީ ފުރުސަތު ހޯދައިދެމުންނެވެ.