ޚަބަރު

ޚިތާނީ މައިޒާނަށް ބޮޑު ތަރުޙީބެއް ލިބުން - ޞަދަޤާތު ފައުންޑޭޝަން


ޞަދަޤާތު ފައުންޑޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "ޚިތާނީ މައިޒާން" ގައި ރަޖިސްޓްރީވުމުގެ ސުންގަޑި މިއަދު ހަމަވިއިރު ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އެ ފައުންޑޭޝަނުން ހާމަކޮށްފިއެވެ.

އެ ފައުންޑޭޝަނުން ބުނީ ކުރިއަށް އޮތް ސްކޫލް އަހަރީ ޗުއްޓީގައި ބާއްވާ ޚިތާނު ކުރުމުގެ މި ޙަރަކާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅި ފަރާތްތަކަށް ވަރަށް އަވަހަށް މިކަމާބެހޭ މަޢްލޫމާތު ދެމުން ގެންދާނެ ކަމަށާއި، ޚިތާނީ މައިޒާން ވީހާވެސް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެފައުންޑޭޝަނުން ބޭނުންވާ ކަމަށެވެ.

ޚިތާނު ކުރުމުގެ މި ޙަރަކާތުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުންނެވެ. މިފަދަ ޙަރަކާތެއް އިންތިޒާމް ކުރުމުގެ މަޤްޞަދަކީ، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ ޢާއިލީ ގުޅުން ބަދަހިކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމުގެ ފުރުޞަތު ޢާއިލާތަކަށް ފަހިކޮށްދިނުން ކަމަށް ޞަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.

ޚިތާނީ މައިޒާން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދަވާފައިވާ ޞަދަޤާތު ފައުންޑޭޝަނަކީ، ޚާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވެފައިވާ މީހުންނާއި، މުޖުތަމަޢުގައި ޒަރޫރީ ބޭނުންތައް ނުފުދި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

އެ ފައުންޑޭޝަނުން ދަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. ޞަދަޤާތު ފައުންޑޭޝަނަކީ 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.