ފީފާގެ ރައީސްކަމުގައި އިންފަންޓީނޯގެ ވަގުތު ހަމަވެއްޖެ ކަމަށާއި، މަގާމުން ދުރުވުމަށް ލަލީގާ ރައީސް ހަވިއޭ ޓެބާސް ގޮވާލައިފިއެވެ.
ފީފާގެ ރައީސް އިންފަންޓީނޯއަށް ސީދާ ފާޑުކިއުންތަކެއް އަމާޒުކުރަމުން ލަލީގާގެ ރައީސް އިޓަލީގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ގޮވާލީ ފީފާ ހަރާބުނުކޮށް އެއްފަރާތް ވުމަށެވެ. ފީފާގެ ބައެއް ނިންމުންތައް ފާހަގަކޮށް، ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރަމުން ލަލީގާގެ ރައީސް ވިދާޅުވީ އިންފަންޓީނޯއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ކަމަށެވެ.
ފާޑުކިއުން އަމާޒުކުރި ބައެއް ކަންކަމަކީ ވަރލްޑްކަޕް މެޗު ތެރެއިން ހައިޑްރޭޝަން ބްރޭކެއް ދިނުމާއި، ފައިނަލް މެޗުގެ ހާފްޓައިމް ވަގުތު ދިގު ކުރުމާއި، އެމެރިކާގެ ބަލޮގަން އަށް ދެއްކި ރަތްކާޑެއް ސަސްޕެންޑްކޮށް، ޖެހިގެން އައި މެޗުގައި ކުޅެން ފުރުޞަތު ދިނުމެވެ. މީގެއިތުރުން 2034 ވަނަ އަހަރުގެ ވަރލްޑްކަޕްގައި 64 ޓީމަށް ފުރުޞަތު ދޭން އިންފަންޓީނޯ ނިންމި ނިންމުމަށްވެސް ލަލީގާގެ ރައީސްގެ ފާޑުކިއުން އަމާޒުކުރިއެވެ. މުބާރާތުގައި ވާދަކުރާ ޓީމްތައް އިތުރުކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ އިސްތިއުފާ ދޭންޖެހޭތޯ ސީދާކޮށް ކުރި ސުވާލަށް ލަލީގާގެ ރައީސް ވަނީ ސީދާ ޖަވާބެއް ދީފައެވެ.
"އަހަރެންގެ ދެކޭގޮތުގައި؟ އާ. (އިސްތިއުފާ ދޭންޖެހޭ) އަހަންނަށް ހީވަނީ އޭނާގެ ވަގުތު ހަމަވެއްޖެހެން.ލަލީގާގެ ރައީސް
އެފާޑުކިއުންތަކާއެކު ލަލީގާގެ ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓެއް ފެންނަން ނެތް ކަމަށާއި، އިންފަންޓީނޯ އިސްތިއުފާދޭނެ ކަމަށް ގަބޫލުވެސް ނުކުރާ ކަމަށެވެ. އެކަމަކު ވަރލްޑްކަޕް ތެރޭގައި އެެމެރިކާއިން އިވުނީ އިންފަންޓީނޯއާ ދެކޮޅު ޝުއޫރުތައް ކަމަށާއި، އިންފަންޓީނޯގެ ނިންމުންތަކަށް ނުރުހުން ކަމަށް ލަލީގާގެ ރައީސް ވިދާޅުވިއެވެ.