ރާއްޖެއާއި ފީޖީއާއި ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ފިޖީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ހައި ކޮމިޝަނަރ، ޖަގަންނާތު ސާމީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ފީޖީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ހައި ކޮމިޝަނަރ އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހައި ކޮމިޝަނަރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފީޖީއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ހައި ކޮމިޝަނަރ ވަނީ، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ފައިދާއަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެއްބާރުލުން އިތުރުކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ވެސް ހާމަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ފީޖީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ.