ޚަބަރު

10 އަހަރުވީ ފެތުމުގެ ޤައުމީ ރެކޯޑެއް ސާރާ އައުކޮށްފި


  • އައުކޮށްފައިވަނީ 50 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް

  • ރެކޯޑު އައުކުރީ އޭޝިޔަން އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕުގައި

ފެތުންތެރިޔާ ސާރާ މުޙައްމަދު، 10 އަހަރުވީ ފެތުމުގެ ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ.

އޭނާ އައުކޮށްފައި ވަނީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ.

ސާރާ މި ރެކޯޑު އައުކޮށްފައި ވަނީ، 00:35.75 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ. އެއީ ބެންކޮކްގައި މިހާރު ކުރިޔަށްދާ 12 ވަނަ އޭޝިޔަން އޭޖް ގްރޫޕް ސްވިމިންގް ޗެމްޕިއަންޝިޕް 2026ގެ ތެރެއިންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސާޖިނާ އެވެ.

އެއީ، 2016 ވަނަ އަހަރު މެލޭޝިޔާ ގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/ޕްރަމް މެލޭޝިޔަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2016 ގައި 00:37.17 އިން އިވެންޓް ފުރިހަމަ ކޮށްގެނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސާރާ ވަނީ މި އަހަރުގެ ތެރޭގައި ހަތަރުސަތޭކަ މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް ވެސް އައުކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކް ޤައުމީ ރެކޯޑް ވެސް އައުކޮށްފައެވެ.

12 ވަނަ އޭޝިއަން އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ފެތުންތެރިންގެ ޓީމު ބައިވެރިވެފައިވާއިރު ސާރާ ހިމެނޭހެން 28 ފެތުންތެރިއަކު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރެއެވެ.

މުބާރާތް ކުރިއަށްދާނީ މި ހިނގާ ޖުލައި މަހުގެ 17 އިން 25ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ކުރި މި ދަތުރުގައި ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ މުހައްމަދު ވިޝާމް އެވެ. އަދި އެސިސްޓެންޓް މެނޭޖަރަކީ ޚަދީޖާ އީސާފުޅެވެ. ޓީމުގެ ކޯޗުންގެ ގޮތުގައި ހިމެނެނީ އަބްދުލް އަލީމް އަބްދުއްރަހްމާން، މުހައްމަދު ސަމީރު އަދި މުހައްމަދު ޖައުފަރެވެ.