ޚަބަރު

ރާއްޖެ އެތެރެކުރި 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މި ތަކެތި އަތުލައިގަތީ ގަން އިންޓަނޭޝަނަލް އެއަރޕޯޓުން

  • އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް

  • މަގުމަތީ އަގު 4.4 މިލިޔަން ދިވެހި ރުފިޔާއަށް އަރާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ، މިމަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ރާއްޖެ އައީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މި ތަކެތި ފެނިފައިވަނީ، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައި ހުއްޓާ، ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވެއެވެ. އެއީ، 1،975 ގްރާމުގެ ކެނަބިސް އަދި 3،565 ގްރާމުގެ ކެނަބިސްއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ހުރިއިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއި، އެ ތަކެތި ހިފައިގެން އައި ދެ މީހުން އިތުރަށް ތަޙުޤީޤު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ، ބޯޑަރުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތައް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅޭ މަނާ ތަކެތި އަތުލައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަންނަނީ، މަސައްކަތްތަކެއް ކުރަމުންނެވެ.