ޚަބަރު

ދިރާސާކުރާ ފަރާތްތަކަށް ވިލާ ކޮލެޖުން ކޮންފަރެންސެއް ފަށައިފި


އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން ގެ ނަމުގައި ވިލާ ކޮލެޖުން ކޮންފަރެންސެއް ފަށައިފިއެވެ.

މި ކޮންފަރެންސަކީ، ތަފާތު އެކި ދާއިރާތަކުން ދިރާސާކުރާ ފަރާތްތަށް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކުން ހަދާފައިވާ ދިރާސާތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއްވައެވެ. މި ކޮންފަރެންސްގައި ރާއްޖޭގައި ދިރާސާ ކުރާ ފަރާތްތަކާއި، އިންސްޓިޓިއުޝަންތަކާއި، ވިލާ ކޮލެޖުގެ ދަރިވަރުން ބައިވެރިވެއެވެ. އެގޮތުން މި ކޮަންފަރެންސަށް ފަންސަވީސް ކަރުދާހެއް ހުށަހަޅައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ވިދާޅުވެއެވެ. 

ކޮންފަރެންސް ފައްޓަވައި ދެއްވުމަށްފަހު ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަޙުމަދު އަންވަރު ވިދާޅުވީ، މިއީ ސޯޝަލް ރިސަރޗްގެ ދާއިރާއިން މިއީ ވިލާ ކޮލެޖުގެ ފަރާތުން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކޮފަރަންސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ތިއްބެވި މިދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ރަނގަޅު ފުރުސަތެއް ކަމަށް ވެސް ޑރ.އަންވަރު ވިދާޅުވިއެވެ. 

ކޮންފަރެންސާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ކޮންފަރެންސްގެ ޗެއާރމަން ޑރ. މުޙައްމަދު އާދިލް ވިދާޅުވީ، ކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުންވެސް ބައިވެރިވާނެ ކަމަށެވެ. 

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން 2016 ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.