ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ ޙިއްޞާ ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެޤައުމުގެ މެމްބަރ އޮފް ޕަރލަމެންޓް އެންޑީ ބަރނަމަށް، ފޮނުވި ތަހުނިޔާގެ ސިޓީފުޅުގައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މި ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްޞާ ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބޮޑުވަޒީރު، އެންޑްރޫ ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު އެންޑްރޫ ބަރނަމަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.