ޚަބަރު

މަސްދޯންޏަކުން ގެއްލުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު


  • ގެއްފައިވަނީ ހޮނޑާފުށި ކައިރިން އެންދަމަން ގޮސްއުޅެނިކޮށް

  • އެމީހާ ފެނުނީ ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ

ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ރަށުގެ ގޮނޑުދޮށުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގޮތުގައި، "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:05 ހާއިރުކަމަށެވެ. މި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ އޮޕަރޭޝަނެއް ފެށިއެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ. އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމުންގެ ޑިންގީއަކަށެވެ.

އެ މީހާ ފެނުމާއެކު، އަވަސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހެނދުނު 05:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.