ކުޅިވަރު

ކުޅިވަރު ތަރައްޤީކުރުމަށް 154.2 މިލިއަން ރުފިޔާ


ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުގެ ދަށުން މުޅި ރާއްޖޭގައި ކުޅިވަރު ދަނޑުތަކާއި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރެއްވުމަށް މިހާތަނަށް ސަތޭކަ ފަންސާސް ހަތަރެއް ޕޮއިންޓް ދޭއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

ޖަޕާނުގައި މިހާރު ކުރިޔަށްދާ ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރގައި ތަޤްރީރުކުރައްވަމުން އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ތަރައްޤީކުރެއްވުމަށް ސަރުކާރުން މިދިޔަ 3 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތައް ކުރައްވާފައިވާކަމަށެވެ. މިގޮތުން ކުޅިވަރާއި ބެހޭ ޤާނޫނެއް އެކުލަވާލައްވައި އެ ޤާނޫނުގެ ދަށުން ސްޕޯޓްސް ކޮމިޝަނެއް އުފައްދަވާފައިވާކަމަށެވެ. އަދި އެކޮމިޝަނާއި އެކު ކުޅިވަރުތައް ވަކިގޮތަކަށް ބައްޓަންކުރެވި ހުރިހާ ކުޅިވަރަކަށް ޤާނޫނީ ޙިމާޔަތް ލިބިދީފައިވާކަން މިނިސްޓަރ އިރުތިޝާމް އާދަމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ހިންގަވާ ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓްގެ ދަށުން ފުޓްސެލް ދަނޑުތަކާ، ބަށި ކޯޓާއި ވޮލީ ކޯޓާއި ބާސްކެޓް ކޯޓުތަކުގެ އިތުރުން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ޒުވާނުންނަށް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މި ޕްރޮޖެކްޓަށް މިހާތަނަށް 154.2 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަން އިރުތިޝާމް އާދަމް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14770625825136.jpg|ޖަޕާނުގައި މިހާރު ކުރިޔަށްދާ ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރގައި މިނިސްޓަރ އިރުތިޝާމް

ސަރުކާރުން ކުޅިވަރަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ޤައުމީ ފެންވަރުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އޮނިގަނޑެއް އެކުލަވާލާ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 15 މިލިއަނަށްވުރެ ގިނަ ރުފިޔާމުސާރައިގެ ގޮތުގައި ކުޅުންތެރިންނަށް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިން ޚާއްޞަކޮށްގެން ވައިޑީޕީގެ ނަމުގައި ހިންގަވާ ޚާއްސަ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުން މޮޅެތި ކުޅުންތެރިން ދެނެގަނެ، އެކުޅުންތެރިންނަށް ޚާއްސަ ތަމްރީނުތައް ދިނުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަމަށްވެސް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ޖަޕާނުގައި މިހާރު ކުރިޔަށްދާ ވޯލްޑް ފޯރަމް އޮން ސްޕޯޓްސް އެންޑް ކަލްޗަރގައި މިނިސްޓަރ ތަޤްރީރުކުރައްވާފައިވަނީ ސްޕޯޓްސް ޑިވޮލޮޕްމަންޓް އެންޑް ޕީސް އާއި ގުޅޭގޮތުންނެވެ.