ކުޅިވަރު

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަޑު ސްޕައިކާސް ހޯދައިފި


ސީދާ ތިންސެޓުން ފިސްޑާ ބަލިކޮށް ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަޑު ސްޕައިކާސް ހޯދައިފިއެވެ. 

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކުރާ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަޑު ހޯދީ ފައިނަލްގައި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ފިސްޑާއާ ވާދަކޮށް ކުޅުނު ފޯރިގަދަ މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗްގެ ސެޓްތައް ހޯދަޑު ކާމިޔާބުކުރީ 22-25. 20-25 އަދި 13-25 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ހޯދަޑުގެ ސްރީލަންކާ ކުޅުންތެރިޔާ ތިލިނީ ވަސަނާ ޕެރޭރާއެވެ. މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ހޯދަޑު ސްޕައިކާސްގެ ތިލިނީ، ހަޝިނީ ލަކްޝިކާ، މަރިޔަމް ހަސަން، ޢާއިޝަތު މާޖިދާ ފިސްޑާގެ ދިނޭޝާ ޕްރަސަދާނީ އަދި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ބުއާލީ ޖެރޯންސްރީއެވެ.

 މިމުބާރާތުގެ އެންމެ މޮޅު ކޯޗްއަކަށް ހޮވިފައިވަނީ ޗެންޕިއަން ހޯފަނޑު ސްޕައިކާސްގެ ސޮއްފާން އަހުމަދެވެ. ފެއާޕްލޭ ޓީމަކީ ފިސްޑާއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ފުވައްމުލަކު ސިޓީ ކައުންސިލުންވަނީ ދީފައެވެ. ދެވަނަ ޓީމަށް ފާންސާސް ހާސް އަދި ތިންވަނަ ޓީމަށް ފަންސަވީސްހާސް ރުފިޔާވަނީ ދީފައެވެ. މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ. އެމެޗްގައި ބައްދަލުކުރާނީ އަފުން ޓީމާއި އައްޑޫ ސިޓީ މީދޫ ވޮލީ ޓީމެވެ. މިމެޗްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.