ޚަބަރު

ޝޯ ޕްރޮޓެކްޝަންގެ 95 އިންސައްތަ ނިމިއްޖެ


ހުޅުމާލޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިމަޝްރޫޢޫގެ ދަށުން ފުރަތަމަ ފިޔަވަހިން ބައެއް ހިއްކާ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ ފަޅު ހިއްކުމަށް ކަނޑައެޅުނު ސަރަޙައްދުގެ މަސައްކަތްވެސް ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި އެމަސައްކަތް ނިންމާލާފައެވެ.

ފުރަތަމަ ފިޔަވަހީގައި ހިއްކި 188 ހެކްޓަރަށްވުރެ ދެގުނަ ބޮޑުކޮށް ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 240 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރަމުންދާ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި އުމްރާނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތާއެކު ފުރަތަމަ ފިޔަވަހީގައި ނުނިމިހުރި 70 އިންސައްތަ ތަރައްޤީކުރަމުންދާކަމަށް ސައިމަން ވިދާޅުވިއެވެ. ހުޅުމާލެ ދެވަނަ ފިޔަވީގެ ޝޯ ޕްރޮޓެކްޝަންގެ އިނީޝަލް ސްޓޭޖްގައި ކުރަންހުރި ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، އެމަސައްކަތް މިހާރު އޮތީ ނިންމާލުމުގެ މަރުޙަލާގައިކަމަށް ސައިމަން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/6340.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދު / ފޮޓޯ: ޕީއެސްއެމް

ދެވަނަ ފިޔަވަހީގެ ޝޯ ޕްރޮޓެކްޝަންގެ ބައެއް މަސައްކަތްތައް ކުރުމަށް ރާވާފައިވަނީ ސައޫދީ ފަންޑު މެދުވެރިކޮށެވެ. ސައިމަން ވިދާޅުވީ މިމަސައްކަތުގެ ޝީޓް ޕައިލްކުރަންޖެހޭ ބައެއް އޭރިއާތަކުގައި ޝީޓް ޕައިލްކުރުމުގެ ޑިޒައިން މަސައްކަތް ނިމިފައިވާކަމަށާއި މިއާއެކު ދެވަނަ ފިޔަވަހީގައި އެކި ސަރަޙައްދުތައް ގުޅާލުމުގެ މަސައްކަތުގައި ހިމެނޭ ބްރިޖްތައް ޑިޒައިންކުރާނެ ބަޔަކު ހޯދުމަށް ބައިނަލްއަޤްވާމީ ޓެންޑަރއެއްގެ މަސައްކަތްކުރިއަށްދާކަމަށެވެ. މިގޮތުން ހިމެނޭނީ ފުރަތަމަ ފޭސް އާއި ދެވަނަ ފޭސް އާއި ދެމެދު އިންނަ ފަންސާސް މީޓަރު ވޯޓަރވޭގައި ހިމެނޭނެ 4 ބްރިޖް އާއި، ޓުއަރިޒަމް ޒޯން އޭރިއާގައި 2 ބްރިޖް އަދި ޔޮޓް މެރީނާ އާއި ކްރޫސް ޓާރމިނަލް ދެމެދުގެ ބްރިޖްތައްކަމަށް ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ އަންނަ ހަފްތާގައި މިމަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅިގެންދާނެކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރަނީ އެތަނުގައި ކޮމާޝަލް އޭރިއާތަކާއި ސޯޝަލް އޭރިއާތައްވެސް ހިމެނޭގޮތަށެވެ. ހުޅުމާލޭ ތަރައްޤީކުރަމުން ދަނީ ޒުވާނުންގެ ސިޓީގެ ގޮތުގައެވެ.