އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކުރުމަށް، އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފިއެވެ. މިއާއެކު އާސަންދަ ކައުންޓަރުތަކުގެ ޚިދުމަތް މިހާރު 11 އަތޮޅަކުން ލިބޭނެއެވެ.
އާސަންދައިގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާސަންދައިން ވިދާޅުވީ، މި ހުޅުވުނު އައު ކައުންޓަރުތަކާއެކު އަތޮޅުތަކުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެކަމަށެވެ.
- ރ.އުނގޫފާރު
- ބ.އޭދަފުށި
- ޅ.ނައިފަރު
- އދ.މަހިބަދޫ
- ލ.ގަން
- ގދ.ތިނަދޫ
- ޏ.ފުވައްމުލައް
- ދ.ކުޑަހުވަދޫ
އަލަށް ހުޅުވުނު ކައުންޓަރުތަކުން ބޭސްފަރުވާއަށް އެހީއަށް އެދުމާއި، ކުންފުންޏާއި ގުޅުންހުރި އިދާރީ ކަންކަން ރަށުން ބޭރަށް ނުގޮސް ހޯދުމާއި، އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެކުރިން އާސަންދައިގެ ވިރަ ކައުންޓަރުގެ ޚިދުމަތް ފޯރުކޮށްދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.
އާސަންދައިގެ ޚިދުމަތަށް އެދުމަށް ފަސޭހަ ކުރުމަށްވަނީ ޚާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން 'މައި އާސަންދަ ޕޯޓަލް' މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އީފާސް މެދުވެރިކޮށް ބޭސްފަރުވާގެ ގިނަ ޚިދުމަތްތަކަށް މައި އާސަންދަ ޕޯޓަލްގެ ތެރެއިން ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ. މިޕޯޓަލް މެދުވެރިކޮށް ބަލި މީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ފޯމު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ.