ޚަބަރު

"މުވައްޒަފުންގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް"


މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކޮންމެހެންވެސް ކުރައްވަން ޖެހޭނެކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި އޭޑީކޭ އެވޯޑިންގ ސެރެމޮނީ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ، ސަރުކާރުން ކުރާ ހޭދަތަކާއި އެއްވަރަށް ޕްރައިވެޓް ކޮމްޕެނީތަކުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ލިބިގެން ނޫނީ، ޤައުމުގެ ޞިއްޙީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބައްޓަންވެގެން ނުދާނެ ކަމަށެވެ. އަދި ޚިދުމަތުގެ އަގު ވަޒަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ތަނުގެ ޚިދުމަތް ރަނގަޅުވެ ފުޅާވެގެން ދިޔުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރި 600 މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ ނާސިންގ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ އެންޖެލީނާ ރޯޒްއެވެ. އޭޑީކޭ އެވޯޑިންގ ޙަފްލާގައި 76 މުވައްޒަފަކަށް އެވޯޑް ދީފައިވެއެވެ. މި އެވޯޑްތައް ދީފައިވަނީ 3 ކެޓަރީއަކަށް ބަހާލައިގެންނެވެ.