ޚަބަރު

"ފީލް ސްރީލަންކާ"ގެ ނަމުގައި ޚާއްޞަ މައުރަޒެއް ބާއްވަނީ


މުހިއްމު ތިން ދާއިރާއަކުން ސްރީލަންކާގައި ލިބެންހުރި ޚިދުމަތްތަކާއި ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް "ފީލް ސްރީލަންކާ"ގެ ނަމުގައި ޚާއްޞަ މައުރަޒެއް ބާއްވަން ނިންމައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒު އޮންނާނީ މި މަހުގެ 27 އިން 29 އަށް ދަރުބާރުގޭގައެވެ.

މި މައުރަޒު އިންތިޒާމްކުރާ ކޮމިޓީގެ ޗެއަރމަން މުޙައްމަދު ފިރާގު ވިދާޅުވީ، މި މައުރަޒު މެދުވެރިކޮށް ވިޔަފާރިއާއި ތަޢުލީމު އަދި ޞިއްޙީ ދާއިރާއިން ސްރީލަންކާގައި ލިބެންހުރި ފުރުޞަތުތަކާއި، ޚިދުމަތްތަކާބެހޭ މަޢުލޫމާތު ދިވެހި ވިޔަފާރިވެރިންނާއި ޢާއްމުންނަށް ފޯރުކޮށްދޭނެކަމަށެވެ.

ތިން ބައެއްގެ މައްޗަށް ބިނާކޮށްފައިވާ މި ޙަރަކާތުގެ ވިޔަފާރިއާއި ސިނާޢީ މަސައްކަތްތަކާއި ގުޅޭ ބައި ޚާއްޞަކޮށްފައިވަނީ، ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ސްރީލަންކާގައި ލިބެން ހުރި ބައެއް ޚިދުމަތްތަކަށެވެ.

img:http://s1.psmnews.mv/images/660x400/14769767455223.jpg|"ފީލް ސްރީލަންކާ" އެގްޒިބިޝަންގެ އިންތިޒާމު ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން، ޞިއްޙީ ދާއިރާއިން ސްރީލަންކާގައި ލިބެން ހުރި ޚިދުމަތްތަކާއި، އަދި އެ ޤައުމުގައި ލިބެންހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު މި މައުރަޒު މެދުވެރިކޮށް ޙިއްޞާކުރާނެކަމަށް މައުރަޒު އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މައުރަޒުގެ ހަވާސާގައި ބިޒްނަސް ފޯރަމަކާއި، ފުޑް ފެސްޓިވަލަކާއި މިޔުޒިކް ފެސްޓިވަލްއެއްވެސް ކުރިއަށްދާނެކަމަށްވެސް އެ ފަރާތުން މަޢުލޫމާތުދެއެވެ.

މި މައުރަޒު އިންތިޒާމް ކޮށްފައިވަނީ އޭސް ޓްރަވަލްސް މޯލްޑިސްއާއި އިނަރ މޯލްޑިވްސް އަދި ސްރީލަންކާގެ އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްކަމަށްވާ އައިޓްކެން ސްޕެންސް ކޮންވެންޝަންސް އެންޑް އެގްޒިބިޝަންސް ގުޅިގެންނެވެ.