ޚަބަރު

ރައީސް ޔާމީނަށް ތާއީދުކުރުމަށް އެމްޑީއޭއިން ނިންމައިފި


ޞައްޙަ ޕީޕީއެމަކީ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗެއަރ ކުރައްވާ ކައުންސިލް ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ތާއީދުކުރުމަށް އެމްޑީއޭއިން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމީ އެޕާޓީގެ ކައުންސިލްގެ އިއްތިފާޤުން. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު ލީޑަރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފް ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންނަށް ތާއީދުކުރައްވަން އެޕާޓީގެ ކައުންސިލުން ނިންމީ، ޝަރުޢީ ކޯޓުން ޕީޕީއެމްގެ ލީޑަރޝިޕް ޕާޓީގެ މުސްތަޝާރާއި ޙަވާލުކުރައްވާފައިވުމާއެކު، އިލެކްޝަންސް ކޮމިޝަނުންވެސް އެކަން ބަލައިގެންފައިވާތީ ކަމަށެވެ. ކައުންސިލުން ނިންމީ ރައީސް ޔާމީނާއެކު، 2018 ވަނަ އަހަރާއި ހަމައަށް ސަރުކާރަށް ވަފާތެރިކަމާއެކު މަސައްކަތްކުރުމަށް ކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، އެމްޑީއޭއިން ވަކި ބޭފުޅަކާއެކު ކުރިއަށް ދިއުމަށް ނިންމެވި ނަމަވެސް، އެމްޑީއޭއާއި ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވާ ފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެ ކޯލިޝަނުން ކާމިޔާބުކުރާނެ ކަމަށެވެ.

ސަރުކާރުން ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަމުންދާނަމަ ސަރުކާރުގެ ދައުރު ހަމަވަންދެން ސަރުކާރަށް އެއްބާރުލުން ދީގެން ސަރުކާރުގެ ދިފާއުގައި މަަސައްކަތް ކުރުމަކީ އެމްޑީއޭއިން ކުރަންޖެހޭނެ ކަމެއް އެމްޑީއޭއިން ބުނެއެވެ.