ޚަބަރު

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތަކަށް ލޯނު ދޫކުރަނީ


ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ލޯންދޫކުރުމަށް އެންމެފަހުން ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ފަރާތްތަކަށް ލޯނު ލިބުނުކަމުގެ ލިއުން ދޫކުރަން ފަށައިފިއެވެ.

ލޯނަށް ހުވުނު ފަރާތްތަކުގެ ތެރެއިން ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ އާއި ހއ.ހޯރަފުށީ ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި ލޯނު ލިބުނު ކަމުގެ ލިއުން ހަވާލުކުރައްވާފައެވެ. މި ދެ ފަރާތަށް ލޯނު ލިބުނުކަމުގެ ލިއުން ހަވާލުކޮށްދެއްވީ، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝައިނީއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވީ، ޖުމްލަ 6.9 މިލިއަން ރުފިޔާގެ މި ލޯން ޕްރޮގްރާމަށް 158 ފަރާތަކުން ވަނީ ކުރިމަތިލާފައިވާކަމަށެވެ. އޭގެ ތެރެއިން ލޯނު ލިބިފައިވަނީ، ސާޅީސް އަށް ފަރާތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

" މި ލޯންގެ އިންޓަރަސްޓްރޭޓަކީ ހަ ޕަސަންޓް އަދި ލޯންތައް އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު" ޑރ.ޝައިނީ ވިދާޅުވިއެވެ. 

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިފަހަރު ފެށި ލޯން ސްކީމާ ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ހއ.ހޯރަފުށީ ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ މެމްބަރެއްކަމަށްވާ އަރުޝަދު އަޝްރަފް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކުގެ ފައިދާ ޒުވާނުންނަށް ވަރަށް ރަނގަޅަށް ކުރަމުންދާކަމަށެވެ. އެގޮތުން މިއީ ވިޔަފާރީގެ ދާއިރާގައި ޒުވާނުން ކުރިއަށްދިއުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކެޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ، މި ލޯން ސްކީމް ކުރިއަށްގެންދަނީ، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗްރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް (އިފާޑް) ގެ އެހީގައެވެ. 

ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް އާމްދަނީ ލިބޭނޭމަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ސަރުކާރުން ހިންގަމުންދާ މި ޕްރޮގްރާމްގެ އެހީގައި މިހާރު އަށް ކޯޕަރޭޓިވް ސޮސައިޓީ ހަރަކާތްތެރިވަމުންދެއެވެ.  މިފަދަ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ވިޔަފާރީގެ ޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒްކުރުމަށްޓަކައި ބޭނުންވާ މެޝިންތަކާއި، އިމާރާތްތަކާއި މިނޫންވެސް ތަކެތި ފޯރުކޮށްދީފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.