ޚަބަރު

ނޯވޭ ޓީމު އެނބުރި ޤައުމަށް ދިއުމުން ބަތަލުންގެ ދަރަޖަ އަރުވައިފި


  • ނޯވޭގެ ޓީމާއިވަނީ އެޤައުމުގެ ރަސްގެފާނު ބައްދަލު ކުރައްވައިފަ

ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ނޯވޭގެ ޓީމު އެނބުރި ޤައުމަށް ދިއުމުން އެޓީމަށް ބަތަލުންގެ ދަރަޖަ އަރުވައިފިއެވެ.

ނޯވޭ ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ވެރިރަށް އޮސްލޯގައި ހުންނަ ރޯޔަލް ޕެލަސް ކައިރި އަށާއި މަގުތަކަށް ސަތޭކަ ހާހެއްހާ މީހުން އެއްވެފައިވާކަމަށްވެއެވެ. ނޯޥޭ ޓީމު އޮސްލޯއަށް ދިއުމާއެކު އެޓީމު ދަތުރުކުރަމުންދިޔަ މަތިންދާބޯޓަށްވަނީ ވޯޓަރ ކެނަން ސެލިއުޓެއް އަރުވާފައެވެ. އަދި އެއަށްފަހު ނޯވޭގެ ރަސްގެފާނު ހެރަލްޑްވަނީ ޤައުމީ ޓީމާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރުމަށްފަހު އެޓީމުވަނީ ރޯޔަލް ޕެލަސް ކުރިމަތީ ނޯޥޭ ރައްޔިތުންނަށް ދައްކާލައިފައެވެ. މިރަސްމިއްޔާތުގައި ޓީމުގެ ގިނަ ކުޅުންތެރިން ބައިވެރިވި ނަމަވެސް ރަސްމިއްޔާތުގެ ވަކި ހިސާބަކުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އާލިންގ ހާލަންޑް ވަކިވެފައިވުމުގެ ސަބަބުން ރޯޔަލް ޕެލަސް ކުރިމަތީ ވަލީއަހުދު ހާކޮންގެ ބެރުގެ އަޑަށް ވައިކިންގ ރޯ ހެދިއިރު އޭނާއެއް ނެތެވެ. މީގެއިތުރުން ނޯވޭ ޓީމުވަނީ އޮސްލޯގެ މެދުތެރޭ ސަރަހައްދުގެ މަގުތަކުގައި ބަހެއްގައި ދަތުރުކޮށް އެއްވެތިބި އެޤައުމުގެ ރައްޔިތުންނަށް ފެނިލާ ބައްދަލުކޮށްފައެވެ.

1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ނޯވޭ ޓީމު މިފަހަރުގެ މުބާރާތުގައިވަނީ ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ކްއާޓަރ ފައިނަލްގައި މުބާރާތަށް އަލްވަދާއު ކިޔާފައިވަނީ އިންގްލަންޑާއި ބައްދަލުކުރި މެޗުން 2 ލަނޑު އެއް ލަނޑުން ބަލިވުމުންނެވެ. މިއީ ވޯލްޑް ކަޕްގެ ކްއާޓަރ ފައިނަލަށް ނޯވޭ ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އަދި މިފަހަރުގެ މުބާރާތުގައި ނޯވޭއިން ދެއްކި ކުޅުމަށް ގިނަބަޔެއްގެ ތާއީދު ލިބިގެން ގޮސްފައިވެއެވެ. އަދި އެޤައުމުގެ ރައްޔިތުންވަނީ މިކަން ވަރަށް އުފަލާއެކު ބަލައިގެންފައެވެ.