ދީން

ޙައްޖު ކޯޕަރޭޝަން - ރައްޔިތުންގެ އިތުބާރު ބޮޑު


ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ގެންދިއުމަށް އުފައްދަވާފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ކުންފުނި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމުގެ މަގުސަދުގައެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ އަދި ދަރަންޏަށް ޒިންމާވާންޖެހޭ ކުންފުންޏެކެވެ. 

މިކުންފުނިން ދެއްވާ ޚިދުމަތްތަކުގެ ތެރޭގައި، ދުރާލާ ރާވައިގެން ފައިސާ ފަހަށް ރައްކާކޮށްގެން ޙައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދީ، އެ ފައިސާއިން ޙަލާލު އިންވެސްޓްމަންޓުތަކެއް ފަށާ، ،އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ އެ ފައިސާ ދިން ފަރާތްތަކުގެ މެދުގައި ބަހާލައިގެން، ޙައްޖަށް ދިއުމަށް ބޭނުންވާ ފައިސާ ކުރުމުއްދަތެއްގައި ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަވަހަށް ޙައްޖަށް ދެވޭނެ މަގުފަހިކޮށްދެއްވުން ހިމެނެއެވެ. މީގެތެރެއިން މުވައްޒަފުންގެ ސްކީމްގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަކުންފުނިތައް ބައިވެރިކުރާ ސްކީމެއްވެސް ހިމެނެއެވެ. އަދި ޢަގީގާ ކަތިލުމާއި ހައްޖުކިޓު ފޯރުކޮށްދެއްވުންވެސް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/2647.jpg|ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ޙައްޖަށް ދިޔަ ޙައްޖުވެރިންތަކެއް

ހައްޖުކޯޕަރޭޝަނުގެ ފަރާތުން ހައްޖަށް މިހުން ގެންދިއުމަށް ކުރިއަށް އޮތް ތިން އަހަރަށް ފައިސާބަލައިގަނެ ނިމިފައިވާއިރު، 2020 ވަނަ އަހަރަށް ވެސް ފައިސާބަލައިގަންނަމުންދާކަމަށް ހައްޖުކޯޕަރޭޝަނުން ވިދާޅުވެއެވެ. މީގެ ތެރެއިން ފައިސާ އެއްކޮށްދައްކައި ޚަލާސްކުރާފަރާތްތައް އަވަހަށް ހައްޖަށް ގެންދެވޭނެއެވެ. 2013 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެއްވަމުންގެންދަވާއިރު، ކުންފުންޏަށް މެންބަރުންގެ އިތުބާރު ލިބިފައިވާ އެންމެ ބޮޑު އެއް ސަބަބީ މެންބަރުގެ ފައިސާއަށް ރައްކާތެރިވެ އެފައިސާ ބަލަހައްޓަވާކަމުގެ ޔަގީންކަން ބޮޑުވުންކަން ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން ފާހަގަކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/14767072724958.jpg|ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމިން އިދުރީސް މީޑިއާއަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މިހާތަނަށް 3 ބުރެއްގެ މަތިން 2800 ފަރާތެއް ހައްޖަށް ގެންގޮސްފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ޙައްޖަށް ދިއުމަށްފަހުވެސް މެންބަރުން ބޭނުންވާނަމަ އުމްރާއަކަށް ދާން ނުވަތަ ބަދަލު ހައްޖަކަށް ދާންވެސް އެއެކައުންޓުގެ ބޭނުން ކުރެވިދާނެކަމަށެވެ. ޙައްޖު ކޯޕަރޭޝަނުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް އިސްލާމީ ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓްތައް ތައާރަފްކޮށް ކުންފުނީގެ ފަންޑު، ވީހާވެސް ބޮޑުކޮށް މެންބަރުންނަށް އޭގެ ނަފާ ލިބި ވީހާވެސް އަވަހަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގުފަހިވުންކަމުގައި ޙައްޖުކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޙައްޖު ކޯޕަރޭޝަނަކީ ދައުލަތުގެ ކުންފުންޏަކަށްވެފައި އެކުންފުނީގެ ޒިންމާއާއި މިހާތަނަށް ދެއްވާފައިވާ ޚިދުމަތައް ބައްލަވައި ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 2000 ކޯޓާގެ ތެރެއިން ދެބައިކުޅަ އެއްބައި ކޯޓާއަށް މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތުވެސް ދެއްވާފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. ނަމަވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދެއްވާ އަމިއްލަ ޖަމާޢަތްތަކުން މިހާރުވެސް މީހުން ޙައްޖަށް ގެންދިޔުމުގެ މަސަކަތްކުރައްވައެވެ. އޭގެ ތެރެއިން އެންމެފަހުން ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރައްވާފައިވަނީ އަމިއްލަ ފަސް ޖަމާޢަތަކަށެވެ.