ސިއްހަތު

ތެލަސީމިއާ ކުދިންގެ ބޭސް ރަށްރަށުން ލިބޭނެގޮތް ހަމަޖައްސަވަނީ


އަތޮޅު ތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް، އެރަށެއްގައި ހުންނަ އެސްޓީއޯ ބޭސްފިހާރަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖައްސަވައިދެއްވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ، ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މާބައިދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި މިހާރު ތެލެސީމިއާ ބަލީގައި ލޭއަޅާ ހަސަތޭކަ އެކާވީސް ކުއްޖަކު އެބަތިއްބެވެ. އަތޮޅު ތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ، އެކުދިން ދިރިއުޅޭ ރަށުން އެކުދިންނަށް ބޭނުންވާ ބޭސް ނުލިބުމުގެ މައްސަލައެވެ. މާލޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ތިބި ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ހަރުދަނާ ގޮތަކަށް ހަމަޖައްސެވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައެވެ.

ލ. މާބައިދޫ ސިއްޙީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ލޭ އަޅާ ކުދިންނަށް ބޭނުންވާ ބޭސް ރަށްރަށުގައި ހުންނަ އެސްޓީއޯގެ ބޭސްފިހަރާތަކުން ލިބޭނެ އިންތިޒާމު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މި މަސައްކަތުގެ ދަށުން ސަރުކާރުން ފުރަތަމަ ބޭސް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި އެތަންތަން މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްރަށަށް ބޭސް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެސްޓީއޯގެ ބޭސް ފިހާރަތަކުން ބޭސް ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ހައްދަވަން ޖެހޭ އުސޫލުތަކާއި ސިޔާސަތު މިހާރު ހައްދަވާ ނިމިފައިވާ ކަމަށެވެ. އެހެންކަމުން އަތޮޅުތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭސް ލިބުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14766293452954.jpg|ހެލްތް މިނިސްޓަރ ގަން ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ހެލްތް މިނިސްޓްރީ

އަތޮޅު ތެރޭގައި ތިބި ތެލެސީމީއާ ކުދިންނަށް ބޭނުންވާ ބޭސް މިހާރު ލިބެން ހުންނަނީ މާލެއިން އެކަންޏެވެ.

ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާޢިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެބައި ދަށްކުރުމަށްޓަކައި ބޭސް ބޭނުންކުރުމެވެ. ތެލެސީމިއާ ކުދިންނަށް ރާއްޖޭގައި ދޭ ފަރުވާއަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ތެލެސީމިއާ ބައްޔަށް ދޭ ފަރުވާއެވެެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެކުދިންގެ ފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސަވައިދެނީ މުޅިން ހިލެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވިދާޅުވީ، އަތޮޅުތެރޭގައި ހުރި އަށްޑިހަ ސެންޓަރަކުން ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށެވެ. އަދި ފަސް ހޮސްޕިޓަލެއްގައި ލޭ ރައްކާކުރެވޭނެ ނިޒާމް ވަނީ ޤާއިމްކުރައްވާފައެވެ. މީގެ އިތުރަށް ތެލެސީމިއާއަށް ސްކްރީންކުރުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގެ ހަ ސަރަޙައްދެއްގައި ވަނީ ޤާއިމްކުރައްވާފައެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ ކުދިންގެ ދަފްތަރުގައި އަށްސަތޭކަ ސާޅީސް ހަތަރު ކުއްޖަކު ރަޖިސްޓްރީކޮށްފައިވެއެވެ.