ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ބައްދަލުކުރެއްވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.
ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ މިސިލްސިލާގެ ފުރަތަމަ ބައްދަލުކުރެއްވުންތަކުގައި ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި https://t.co/U3LKYq5GSc pic.twitter.com/D5GqkiH7Kb
— The President's Office (@presidencymv) July 13, 2026
އެގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް https://rayyithungeadu.presidency.gov.mv މެދުވެރިކޮށް ނަންނޯޓުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. ނަން ނޯޓުކުރުމުގެ ފުރުޞަތު މިމަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ފުރަތަމަ ބައްދަލުކުރެއްވުން ޖުލައި މަހުގެ 26 ހުގެ ކުރިން ބޭއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ޢިއުލާންކުރެއްވީ ޕީއެސްއެމްއާއި ގުޅިގެން ގެނެސްދޭ ނޭޝަންޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ތެރެއިން ފަހިވެގެންދާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެކުރިންވެސް އެމަނިކުފާނުވަނީ ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމަނިކުފާނުވަނީ ދެއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ.