ޚަބަރު

އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލައިފި


  • އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް

  • މިމަހުގެ 16އާ ހަމަޔަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ

މިއަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި، ފޯމު ދޫކުރަަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ، އަންނަ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައި ބާއްވާ ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާ ކަމަށެވެ.

އެޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އެޑިޕާޓްމެންޓުން މައުލޫމާތުދެއްވައެވެ.

އެޑިޕާޓްމަންޓުން ވިދާޅުވީ، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން، އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ސަރުކާރުގެ ޕޭމަންޓް ޕޯޓަލް ކަމަށްވާ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ.

މި އިމްތިޙާނާ ގުޅޭ އިތުރު ތަފްޞީލާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ އިރުޝާދުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ ލިންކް ޓްރީ ޕޭޖުން ލިބެން ހުންނާނެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި ފައިސާ ދައްކާ ނިންމުމަށް އެޑިޕާޓްމެންޓުން އިލްތިމާސް ކުރައްވައެވެ.

މިއަހަރު މަތީ ސާނަވީ އިންތިހާނުގައި 3200 އެއްހާ ދަރިވަރުން ވަނީ ކިޔަވަން ފަށާފައެވެ. އަދި މުޅިން އަލަށް 13 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވަދޭން ފަށާފައިވެއެވެ. މި މަރުހަލާގައި ކިޔަވާ ދަރިވަރުންގެ ނިސްބަތް މިއަހަރު ވަނީ %32 އިން %49 އަށް އިތުރެވެފައެވެ. މިއީ، ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަމާއި، އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވަނީ ވިދާޅުވެފައެވެ.