ޚަބަރު

ފީފާ ރޭންކިންގެ ގަދަ ހަތަރު ޓީމު ފުރަތަމަ ފަހަރަށް ސެމީއަށް


ފީފާގެ ރޭންކިންގެ ގަދަ ހަތަރު ޓީމު ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު ސްޕެއިން އޮތްއިރު ދެވަނަ މަގާމުގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އެވެ. އަދި ތިންވަނައިގައި ފްރާންސް އޮތްއިރު ހަތަރުވަނަ ޓީމަކީ އިންގެލްނޑް އެވެ.

ފީފާ ވޯލްޑްކަޕްގެ ގުރުއަތުލުން ކުރިއަށް ގެންދިޔައިރު މި ޓީމުތައް ބަހާލާފައިވަނީ މުބާރާތުގެ ސެމީ ފައިނަލާއި ހަމައިން ނޫން ގޮތަކަށް ވާދަކުރަން ނުޖެހޭ ގޮތަށެވެ. އަދި ގުރުއަތުލުން ކުރިއަށް ގެންދިޔަ ގޮތުން ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ސްޕެއިން އާއި ދެވަނައިގައި އޮތް އާޖެންޓީނާ ޖެހޭނީ މުބާރާތުގެ ފައިނަލާއި ހިސާބުންނެވެ. އަދި ހަމަ އެގޮތަށް ތިންވަނަ އާއި ހަތަރުވަނަ ޓީމުވެސް ބަހާލާފައިވަނީ މިފަދަ ގޮތަކަށެވެ.

ފީފާ އިން މި ފަހަރުގެ ވޯލްޑްކަޕްގެ ގުރުއަތުލުން މި ގޮތަށް ކުރިއަށް ގެންދިޔައިރު މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ގުރުއަތުލުންވެސް ކުރިއަށް ގެންދާ ގޮތެވެ. އަދި ކުރިއަށް އޮތް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުންވެސް ކުރިއަށް ގެންދާނީ މި އުސޫލުގެ ދަށުންނެވެ.

1994 ވަނަ އަހަރު ފީފާ އިން ރޭންކިން އިއުލާން ކުރަން ފެށިފަހުން ގަދަ ހަތަރު ޓީމަށް, އެ ޓީމުތައް ހިމެނުނު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ. 1998 ވަނަ އަހަރަށް ފަހު ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ދުނިޔޭގެ ރޭންކިންގެ ގަދަ ހަތަރު ޓީމު އަދި ދަތުރުކޮށްފައެއް ނުވެއެވެ.