ދުނިޔެ

ސަޢޫދީ އަމީރަކަށް މަރުގެ އަދަބު ދީފި


މީހަކު މަރާލުމުގެ ކުށުގައި، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާގެ މެމްބަރަކަށް މަރުގެ އަދަބު ދީފިއެވެ. 

ސަޢޫދީ އިންޓީރިއާ މިނިސްޓްރީން ވިދާޅުވީ ޝާހީ އަމީރު، ތުރުކީ ބިން ސައުދު އަލް ކަބީރުގެ މައްޗަށް އަންގާރަ ދުވަހު މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުމާ ގުޅިގެންކަމަށެވެ. 

ޝާހީ އަމީރުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި ގޮތުގެ ތަފްސީލް ހާމަކޮށްފައިނުވިޔަސް، ސަޢޫދީ އަރަބިއްޔާގައި މަރުގެ އަދަބު ތަންފީޒުކުރަނީ ކަނޑިން ޖަހާ ބޯ ބުރިކޮށްލައިގެންނެވެ. ޝާހީ އަމީރުގެ މައްޗަށް ދަށު ކޯޓުން އިއްވި މަރުގެ އަދަބަށް އެހެން ކޯޓުތަކުން ތާޢީދުކޮށްފައިވާއިރު، ސަޢޫދީ ސުޕްރީމް ކޯޓުންވެސް ވަނީ އެޙުކުމަށް ތާޢީދުކޮށްފައެވެ. ސަޢޫދީ އަރަބިއްޔާގެ ބައެއް ނޫސްތައް ބުނާގޮތުން މަރުވި މީހާގެ އާއިލާއިން ވަނީ މަރުގެ ދިޔައިގެ ގޮތުގައި ފައިސާ ޤަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. އަދި އޭނާގެ އާއިލާއިން ބޭނުންވީ ޝާހީ އަމީރަށް މަރުގެ އަދަބު ދިނުމަށްކަމަށް ޙަބަރުތައް ބުނެއެވެ. 

ސަޢޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް މަރުގެ އަދަބު ދިނުމަކީ އާއްމުކޮށް ކުރާކަމެއް ނޫނެވެ. އެންމެފަހުން ސަޢޫދީ ޝާހީ އާއިލާގެ ބޭފުޅަކަށް މަރުގެ އަދަބު ދީފައިވަނީ 1975 ވަނަ އަހަރު، ފައިސަލް ރަސްގެފާން އަވަހާރަކޮށްލި ޝާހީ އަމީރު ފައިސަލް ބިން މުޞައިދުގެ މައްޗަށެވެ. ޝާހީ އަމީރުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅިގެން ސަޢޫދީ އަރައްބިއްޔާގެ ރަސްގެފާނަށް ގިނަ ބަޔަކު ވަނީ ތާޢީދުކޮށް ވާހަކަދައްކާފައެވެ. އަދި ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނޭކަން ހާމަވެގެންގޮސްްފިކަމަށް ބުނެ ސަޢޫދީގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.