ޕެރޯލްގެ އެފުރުޞަތު ދިނުން އަވަސްކުރުމަށް ޝަރުޠުހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް މާފުށި ޖަލުގައި ބާއްވާފައިވާކަމަށެވެ.
މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފަ.
"ޕެރޯލް" އަކީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ ދަށުން ޖަލުން ދޫކުރާ ދޫކުރުމެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުގެ މަތިން އެމަސައްކަތްކުރާނީ ޕެރޯލް ބޯޑުންނެވެ.
2025 Statistics - Parole Board pic.twitter.com/8DLIQnyYGN
— Maldives Correctional Service (@CorrectionsMv) March 14, 2026
މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.
ކަރެކްޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ރިކުއެސްޓެއް ލިބިފައިވެއެވެ. އޭގެ ތެރެއިން 189 ފޯމް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާއިރު 43 ފޯމް ޝަރުތު ހަމައެއް ނުވެއެވެ. އަދި 8 ފޯމެއްގެ މައްސަލަ ނިންމާފައި ނުވާއިރު 1 ފޯމް އޮތީ ޤާނޫނީ ލަފައަކަށް އެދިފައެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުގައި 86 ފޯމެއް މިދިޔައަހަރު ވަނީ ޕެރޯލް ބޯޑަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 42 މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ހުއްދަދީފައިވާއިރު 44 މީހަކަށް އެ ހުއްދަ ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލީ 22 މީހުންނެވެ. 25 މީހުން ޕެރޯލްގެ ދަށުން ދޫކޮށްލުން ކެންސަލް ކުރިއިރު 2 މީހެއް ކެންސަލްކޮށްފައިވަނީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުންނެވެ. އަދި 27 މީހަކު އަލުން މުޖުތަމައުއަށް ވަނީ ދޫކޮށްލާފައެވެ.